Last Updated: July 23, 10:04
Thursday, July 23, 2026
މުނިފޫހިފިލުވުން

އަމީތާބާއި ސިދާތު އެއްގޮތްކޮށްފި

ބޮލީވުޑްގެ މިހާރުގެ މަޝްހޫރު ތަރި ސިދާތު މަލްއުތުރާ އަކީ އިންޑަސްޓްރީގެ މިހާރުގެ ޒުވާން އަމީތާބް ބައްޗަން ކަމަށް ބުނެ ޑައިރެކްޓަރު ރޯހިތު ޝެޓީ ދެ ތަރިން އެއްގޮތްކޮށްފި އެވެ.

މާދަމާ އެމެޒޯން ޕްރައިމް ވީޑިއޯ އިން ޕްރީމިއާކުރަން ހަމަޖެހިފައިވާ ސީރީޒް "އިންޑިއަން ޕޮލިސް ފޯސް" ގައި ސިދާތު ލައްވައި ފުލުސް ކެރެކްޓާއެއް ކުޅުވި ޑައިރެކްޓަރު، ފޭނުންނާ އެކީ ޕިންކްވިލާ އިން ކުރިއަށް ގެންދިޔަ އިވެންޓެއްގައި ބުނީ ސިދާތާއި އަމީތާބާ އެއްގޮތް ކަންތައްތަކެއް ހުރި ކަމަށް ދެކޭ ކަމަށެވެ.

އެގޮތުން އޭނަގެ އަޑާއި ބޮޑީ ލެންގްއޭޖްގައި ވެސް އަމީތާބާ އެއްގޮތް ސިފަތަކެއް އެބަހުރި ކަމަށާއި އޭނަ ފެނުމުން ޒުވާން އަމީތާބް ހަނދާންވާ ކަމަށް ރޯހިތު ބުންޏެވެ. އަދި ފޭނުންނަށް އެކަން ފާހަގަނުކުރެވޭތޯ ސުވާލު ވެސް ކޮށްފައިވެ އެވެ.

"އަހަރެން ބުނާނީ ސިދާތަކީ ޒުވާން އަމީތާބޭ." ރޯހިތު ބުންޏެވެ.

ރޯހިތު ވަނީ 1973 ގެ ފިލްމު "ޒަންޖީރު" ގައި އަމީތާބް ކުޅުނު ފުލުސް ކެރެެކްޓާގައި އޭނަ ފެނުނު ގޮތާއި ސިދާތު މިހާރު ހުރި ސިފަ ވެސް އެއްގޮތް ކަމަށް ބުނެފަ އެވެ.

އަމީތާބް ފަދަ ލެޖެންޑަކާ އެއްގޮތްކުރުމުން ސިދާތު ވަނީ އަމީތާބަކީ ވަރަށް ބޮޑު އިންސްޕިރޭޝަނެއް ކަމަށް ބުނެފަ އެވެ. އެކަމަކު "އިންޑިއަން ޕޮލިސް ފޯސް" ގައި މަސައްކަތްކުރި އިރު، ވަކި މީހަކު ނަކަލު ކުރަން މަސައްކަތް ނުކުރާ ކަމަށާއި ރޯހިތު ބޭނުންވީ ވެސް އަމިއްލަ ސްޓައިލްގައި ކެރެކްޓާ ކުޅެން ކަމަށް ސިދާތު ބުންޏެވެ.

"ޝޭރްޝާ" އާއި "ކަޕޫރް އެންޑް ސަންސް" ފަދަ ކާމިޔާބު ފިލްމުތައް ކުޅުނު ސިދާތު، 39، އަކީ ކަރަންގެ ޖޯހަރްގެ 2012 ގެ "ސްޓޫޑެންޓް އޮފް ދި އިޔާ" އިން ބޮލީވުޑަށް ތައާރަފުކުރި އެކްޓަރެކެވެ. އޭނަގެ ކުރިއަށް އޮތް ފިލްމަކީ އެޕްރީލް 26 އަށް ތާވަލުކޮށްފައި އޮތް އެކްޝަން ތުރިލާ "ޔޯދާ" އެވެ.