Last Updated: July 17, 11:13
Friday, July 17, 2026
ދުނިޔެ

ފަރުވާއަކަށް ޗާލްސް އެޑްމިޓް ކުރަނީ

އިނގިރޭސި ރަސްގެފާނު ޗާލްސް ސިއްހީ ފަރުވާއަކަށް އަންނަ ހަފުތާގެ ތެރޭގައި އެޑްމިޓްކުރަން ނިންމައިފި އެވެ.

ޝާހީ އާއިލާ އިން މިކަން އިއްޔެ އިއުލާންކޮށް ބުނެފައި ވަނީ އުމުރުން 75 އަހަރުގެ ރަސްގެފާނުގެ ޕްރޮސްޓޭޓް ދުޅަވެފައިވާތީ އެކަމުގެ ފަރުވާ އަށް އެޑްމިޓްކުރަން ހަމަޖެހިފައިވާ ކަމަށެވެ. ނަމަވެސް ރަސްގެފާނުގެ ސިއްހީ ހާލަތާ މެދު ކަންބޮޑުވާން ޖެހޭ ވަރުގެ އެއްވެސް ކަމެއް ނެތް ކަމަށެވެ.

ޕްރޮސްޓޭޓް ދުޅަވުމުގެ މައްސަލަ އަކީ ދުވަސްވީ ފިރިހެނުންނަށް އާންމުކޮށް ދިމާވާ ކަމެކެވެ.

ފަރުވާ އަށް ރަސްގެފާނު އެޑްމިޓްކުރަން ނިންމި ވާހަކަ އިނގިރޭސި ޝާހީ އާއިލާ އިން ރަސްމީކޮށް އިއްޔެ އިއުލާންކުރެއްވި އިރު، އެ އާއިލާގެ ބޭފުޅުންގެ ސިއްހީ ކަންކަމާ ބެހޭ މައުލޫމާތު އާންމު ކުރުމަކީ އާންމުކުރާ ކަމެއް ނޫނެވެ.

ޗާލްސް އިނގިރޭސިވިލާތުގެ ރަސްކަމާ ހަވާލުވެވަޑައިގެންނެވީ 2022 ގެ ސެޕްޓެމްބަރު މަހުގެ ތެރޭގަ އެވެ. އެއީ މަންމާފުޅު ރާނީ އެލިޒަބަތު ދޭއް އެ މަހުގެ 8 ގައި އަވަހާރަވުމާ ގުޅިގެންނެވެ.

ޗާލްސް ޕްރޮސްޓޭޓަށް ފަރުވާ ހޯއްދަވަން ނިންމެވި އިރު، ދޮށީ ދަރިކަލުން އަދި ތަހުތާ މިހާރު އެންމެ ގާތުގައި ހުންނެވި ޕްރިންސް ވިލިއަމްގެ އަނބިކަނބަލުން ކޭޓް މިޑްލްޓަން ވެސް މި ވަގުތު އޮންނެވީ ސާޖަރީއެއް ކުރައްވައިގެންނެވެ.