Last Updated: May 1, 20:45
Thursday, May 2, 2024
ޚަބަރު

މައުލޫމާތު ބަދަލުވެފައިވާ ނަމަ އައިޑީ ހައްދަން އެދިއްޖެ

މައުލޫމާތު ބަދަލުވެފައިވާ ފަރާތްތަކުން މިމަހުގެ 21 ވަނަ ދުވަހުގެ ކުރިން ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ހެއްދުމަށް ހުށަހެޅުމަށް ޑިޕާޓްމެންޓް އޮފް ނެޝަނަލް ރަޖިސްޓްރޭޝަނުން އެދިއްޖެއެވެ.

ޑިޕާޓްމެންޓް އޮފް ނެޝަނަލް ރަޖިސްޓްރޭޝަނުން މިއަދު ކުރި އިއުލާނެއްގައި ބުނެފައިވަނީ ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ވޯޓާސް ލިސްޓް ފައިނަލް ކުރުމަށް 18 އަހަރުން މަތީ ފަރާތްތަކުގެ މައުލޫމާތު ބަދަލުވެފައިވާނަމަ 21 ޖަނަވަރީގެ 15:00 ގެ ކުރިން ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ހެއްދުމަށް ހުށަހެޅުމަށް އެދޭކަމަށެވެ.

އެ ޑިޕާޓްމެންޓުން ބުނެފައިވަނީ 22 ޖަނަވަރީން ފެށިގެން މައުލޫމާތު ބަދަލުވެގެން ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ހަދައިދެވޭނީ، އެ ފަރާތްތަކަށް ކުރިއަށް އޮތް ރައްޔިތުން މަޖިލީހުގެ އިންތިހާބުގައި ވޯޓު ނުލެވުނުނަމަވެސް އެ ފަރާތްތަކުން އިއުތިރާޒު ނުކުރާކަމަށްވާނަމަ ކަމަށެވެ.

މީގެއިތުރުން ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށްފަހު ކުރިއެކޭވެސް އެއްފަދައިން 18 އަހަރުން މަތީގެ ފަރާތްތަކުގެ މައުލޫމާތު ބަދަލުކޮށް ދިވެހިރައްޔެއްކަން އަންގައިދޭ ކާޑު ހަދައިދެމުންދާނެ ކަމަށްވެސް ބުނެފައިވެއެވެ.

މިއަހަރު ބާއްވާ މަޖިލިސް އިންތިހާބު ބާއްވަން ނިންމާފައި ވަނީ މާޗް މަހުގެ 17 ގައެވެ. މިފަހަރުގެ އިންތިހާބުގައި 284،327 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެންވެއެވެ. މަޖިލީހުގެ 20 ވަނަ ދައުރަށް 93 މެންބަރަކު އިންތިހާބު ކުރާނެއެވެ.