Last Updated: June 12, 17:57
Friday, June 12, 2026
ޚަބަރު

ދާހިލީ ހަނގުރާމަތަކަށް ދިއުން ހުއްދައެއް ނޫން

ފަތުވާ މަޖިލިސް - ފޮޓޯ: އަވަސް

ބޭރު ގައުމުތަކުގައި ހިނގާ ދާހިލީ ހަނގުރާމަތަކުގައި ބައިވެރިވާން ޖިހާދަށް ދިޔުމަކީ ހުއްދަ ކަމެއް ނޫން ކަމަށް ރާއްޖޭގެ ފަތުވާ މަޖިލީހުން ބުނެފި އެވެ.

ފަތުވާ މަޖިލީހުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ފަހަކަށް އައިސް ދާހިލީ ހަނގުރާމަ ހިނގާ ގައުމުތަކަށް ޖިހާދު ކުރުމުގެ ނަމުގައި ދިވެހިން ދާކަން ފާހަގަވެފައިވާ ކަމަށެވެ. އެހެންވެ އެކަމާ ގުޅިގެން ކުރީގެ އިލްމުވެރިންނާއި މިހާރުގެ އިލްމުވެރިން ވެސް އެކަން ހުއްދަ ނޫން ކަމަށް ފަތުވާ ނެރެފައިވާ ކަމަށެވެ.

ފަތުވާ މަޖިލީހުން ބުނީ މުސްލިމުންނާއި މުސްލިމުން ހަނގުރާމަ ކުރުމަކީ ކީރިތި ހަރާމް ކަމެއްކަން ރަސޫލާ ގެ ސަރީހަ ބަސްފުޅުން ވެސް ސާބިތުވާ ކަމަށެވެ.

އެހެންވެ އިސްލާމީ ގައުމެއްގެ ތެރޭގައި ޖެހިފައިވާ ހަމަނުޖެހުމަކީ އެހެން ފަރާތަކުން އިސްލާމީ އުންމަތް ބައިބައިކުރުމުގެ ނިޔަތުގައި ރޭވިގެން އުފައްދާފައިވާ ފިތުނައިގެ ސިލްސިލާބޮޅެއް ކަމަށާއި އިސްލާމް ދީނުގެ ދުޝްމަނުންގެ މަގްސަދު ހާސިލްކުރުމަށް ހިތްވަރުދޭ ބަޔަކަށް ދިވެހިން ނުވުމަށް އެ މަޖިލީހުން އިލްތިމާސް ކޮށްފައިވެ އެވެ.

އަދި ދާހިލީ ހަނގުރާމަ ހިނގާ ސޫރިޔާ ފަދަ ޤައުމުތަކުގައި އިސްލާމީ ޤައުމުތަކާ ދެކޮޅަށް ރޭވިގެން ހިންގޭ ސިލްސިލާ މުއާމަރާތުތަކުގައި ބައިވެރިވާން ބޭނުންވާ ޒުވާނުން ތިބޭ ކަމަށާއި އެފަދަ ހަމަނުޖެހުންތަކުގައި ބައިވެރިވާން ދިއުމަކީ މުސްލިމުންގެ ދުޝްމަނުންނަށް އެ ޤައުމުތަކުގެ ކަންކަމާ ބެހުމަށް ދޮރުހުޅުވޭ ކަމެއްކަމަށް ފަތުވާ މަޖިލީހުން ފާހަގަކުރި އެވެ.