ބޮލީވުޑްގެ ކުޅަދާނަ ޑައިރެކްޓަރު ސަންޖޭ ލީލާ ބަންސާލީ ދެން ހަދަން އޮތް ފިލްމު "ބައިޖޫ ބަވްރާ" އަށް ބަޖެޓް ހޯދުމުގެ ތާށިކަމާ ހެދި ފިލްމުގެ މަސައްކަތް ވާނުވާ އަށް ގޮސްފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ފިލްމީ ޚަބަރުތައް ގެނެސްދޭ މީޑިއާތަކުން ބުނީ މި ފިލްމުގެ ބަޖެޓަކަށް ބަންސާލީ ކަނޑައަޅާފައި އޮތީ 350 ކްރޯޑް ރުޕީސް (42.1 މިލިއަން ޑޮލަރު) ކަމަށެވެ. އެކަމަކު އެ ފިލްމު ޕްރޮޑިއުސްކުރުމުގައި ހިއްސާވާން އެދި ހުށަހެޅި ތިން ސްޓޫޑިއޯއަކުން ބަޖެޓް މާ ބޮޑު ކަމަށް ބުނެ، އޭގައި ހިއްސާވާން ދެކޮޅު ހަދާފައިވާ ކަމަށް މީޑިއާތަކުން ބުނެ އެވެ.
އެ ތިން ސްޓޫޑިއޯ އަކީ ޕްރޮޑިއުސަރު ޖަޔަންތިލާލް ގާޑާގެ ޕެން ސްޓޫޑިއޯސް އާއި ޕްރޮޑިއުސަރު ސަމީރު ނައިރްގެ އެޕްލޯސް އެންޓަޓައިންމަންޓްގެ އިތުރުން ޖިއޯ ސްޓޫޑިއޯސް އެވެ. މި ތިން ސްޓޫޑިއޯ އަށް ބަންސާލީ "ބައިޖޫ ބަވްރާ" ހުށަހެޅުމުން ތިން ސްޓޫޑިއޯ އިން ވެސް ބަޖެޓް ކުޑަކުރަން ޝަރުތުތަކެއްކޮށްފައިވާ ކަމަށް މީޑިއާތަކުން ބުންޏެވެ. އޭގެ ތެރޭގައި ފިލްމުގެ ކާސްޓަށް ބަދަލުތަކެއް ގެނައުން ފަދަ ކަންކަން ހިމެނެ އެވެ.
ރިޕޯޓްތައް ބުނާ ގޮތުން "ބައިޖޫ ބަވްރާ" ކުޅޭނީ ރަންވީރު ސިންގް އާއި އާލިއާ ބަޓެވެ. މި ދެ ތަރިންކީ ބޮލީވުޑްގެ އޭ-ލިސްޓް ތަރިންގެ ތެރޭގައި ހިމެނޭ އަގުބޮޑު ތަރިންނެވެ. ނަމަވެސް ފިލްމުގެ ކާސްޓުންނަކީ އެއީކަން ބަންސާލީ މިހާތަނަށް ކަށަވަރުކޮށް ދީފައެއް ނުވެ އެވެ.
ނަމަވެސް މިހާރު ބަޖެޓްގެ މައްސަލާގައި "ބައިޖޫ ބަވްރާ" ގެ މަސައްކަތް ފެށޭނެ އިރެއް ނޭނގެ އެވެެ. މި ހަފުތާފައި ބައެއް މީޑިއާތަކުން ބުނީ މެއި މަހުގެ ތެރޭގައި ފިލްމުގެ ޝޫޓިން ފަށަން ބަންސާލީ ޕްލޭންކޮށްގެން އުޅޭ ކަމަށެވެ.
ކާމިޔާބު އެތައް ފިލްމެއް ގެނެސްދިން ޑައިރެކްޓަރުގެ އެންމެ ފަހުގެ ފިލްމަކީ އާލިއާއާ އެކީ 2022 ގައި ގެނެސްދިން "ގަންގޫބާއީ ކަތިއަވާޅީ" އެވެ. ޖުމްލަ 100 ކްރޯޑް ރުޕީސް (12 މިލިއަން ޑޮލަރު) ގެ ބަޖެޓަކުން ހެދި އެ ފިލްމަށް އާމްދަނީގެ ގޮތުގައި 209.77 ކްރޯޑް ރުޕީސް (25.24 މިލިއަން ޑޮލަރު) ލިބުނެވެ.