Last Updated: April 28, 15:28
Sunday, April 28, 2024
ޚަބަރު

ދިވެހި ތަރިކަ ދިރާސާކުރަން މަރުކަޒެއް އުފައްދައިފި

ރައީސް ޑރ. މުހައްމަދު މުއިއްޒު - ފޮޓޯ: ރައީސް އޮފީސް

ރައީސް ޑރ. މުހައްމަދު މުއިއްޒު، "ދިވެހި ތަރިކަ ދިރާސާކުރާ ޤައުމީ މަރުކަޒު" ގެ ނަމުގައި އިދާރާއެއް މިއަދު އުފައްދަވައިފި އެވެ.

ރައީސް އޮފީހުން ބުނީ އެ އިދާރާ ހިނގަމުންދާނީ މިނިސްޓްރީ އޮފް ދިވެހި ލެންގުއޭޖް، ކަލްޗަރ އެންޑް ހެރިޓޭޖްގެ ދަށުން ކަމަށެވެ.

މިފަދަ މަރުކަޒެއް ގާއިމުކުރީ "ދިވެހި ޤައުމިއްޔަތު އާލާކުރުމުގެ ޤައުމީ ނިޒާމު" ގެ ތެރެއިން ދިވެހިބަހާއި ތާރީޚާއި ސަގާފަތާއި ތަރިކައާއި އާދަކާދަތަކާއި ޤައުމިއްޔަތުގެ ޢިލްމެއް އުފަންކޮށް ދިރުވައި އާލާކުރުމަށާއި، ޤައުމީ ރޫޙު އާލާކޮށް އާންމުކޮށް ދިވެހިންގެ މެދުގައި ޤައުމިއްޔަތުގެ ޢިލްމާއި ވިސްނުން އުފެއްދުމުގެ މަސައްކަތްކުރުމުގެ ބޭނުމުގައި ކަމަށް ރައީސް އޮފީހުން ބުނެ އެވެ،

ދިވެހި ތަރިކަ ދިރާސާކުރާ ޤައުމީ މަރުކަޒުގެ މަސައްކަތްތަކުގެ ތެރޭގައި ދިވެހިންގެ މެދުގައި ދިވެހިވަންތަކަމާއި ދިވެހިންގެ ޙައްޤުގައި ޚިދުމަތްކުރުމުގެ ވިސްނުމާއި ރޫޙު ދިރުވައި އާލާކުރުމަށް މަސައްކަތްކުރުމާއި ރާއްޖެއާއި ދިވެހި ޤައުމިއްޔަތު (ދިވެހިވަންތަކަން) އާ ގުޅޭގޮތުން އެކިއެކި ބަސްބަހުން ލިޔެ އުފައްދައިފައިވާ ލިޔުންތައް ދިވެހިބަހަށް ތަރުޖަމާކުރުމާއި ރާއްޖެއާއި ދިވެހީންނާ ގުޅޭގޮތުން ހުރި އެވޭލާ ބަސްމަގުގެ ތަކެތި މިހާރުގެ ބަސްމަގަށް ގެނައުމާއި އަދި މިނޫންވެސް ގިނަ ކަންތައްތަކެއް ހިމެނެ އެވެ.