Last Updated: July 17, 11:13
Friday, July 17, 2026
ދުނިޔެ

ފަލަސްތީނުގެ ދައުލަތެއް ގާއިމުކުރުމާ ދެކޮޅު

ހަނގުރާމައަށް ފަހު ފަލަސްތީނުގެ ދައުލަތެއް ގާއިމުކުރުމާ ދެކޮޅު ކަމަށް އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވިދާޅުވެއްޖެ އެވެ.

އިޒްރޭލުން ފަލަސްތީނަށް ހަމަލާދޭން ފެށީ މިދިޔަ އޮކްޓޫބަރު މަހުގެ 7 ވަނަ ދުވަހު ކަމަށްވާއިރު މިހާތަނަށް އިޒްރޭލަށް މި ހަނގުރާމައިގައި މާބޮޑު ކުރިއެރުމެއް ލިބިފައެއް ނުވެ އެވެ.

އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނަތަންޔާހޫ ވިދާޅުވީ އުރުދުންގެ ހުޅަނގު ސަރަހައްދުގައިވާ ހުރިހާ ބިމެއްގެ ސަލާމަތީ ކަންކަން އިޒްރޭލުން ބަލަހައްޓަން ބޭނުންވާ ކަމަށެވެ. ނަތަންޔާހޫ އެ އިޝާރާތް ކުރަނީ ފަލަސްތީނުން މިނިވަން ދައުލަތެއް ގާއިމުކުރަން ބޭނުން ކުރާނެ ބިންތަކެއްގެ ވާހަކަ ކަމަށްވާއިރު އޭނާ ވަނީ އޭގެ ސަބަބުން ފަލަސްތީނުގެ ސިޔާދަތަށް ފުށޫއަރާނަމަ ކުރާނެ ކަމެއް ނެތް ކަމަށް ވިދާޅުވެފަ އެވެ.

މި ހަގީގަތް އެމެރިކާ އަށް ވެސް ބުނެދެވިއްޖެ ކަމަށާއި އިޒްރޭލުގެ ސަލާމަތަށް ނުރައްކާވާނެ ފަދަ ކަންކަން ކުރަން ފުރުސަތު ނުދެވޭނެ ކަމަށްވެސް ނަތަންޔާހޫ ވިދާޅުވި އެވެ. އަދި މިހާރު ހިނގަމުންދާ ހަނގުރާމަ ހުއްޓާލާނީ ހަމާސް ޖަމާއަތުގެ މައްޗަށް ކުރި ހޯދުމަށްފަހު ކަމަށްވެސް ވިދާޅުވި އެވެ.

ނަތަންޔާހޫގެ މި ވާހަކަތަކާ ގުޅިގެން އެމެރިކާގެ ވައިޓް ހައުސްގެ ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރު ޖޯން ކާބީ ވިދާޅުވީ "ޓޫ ސްޓޭޓް ސޮލިއުޝަން" ނުވަތަ ފަލަސްތީނާއި، އިސްރާއީލަކީ ވަކި ދެ ދައުލަތެއްގެ ގޮތުގައި ގާއިމު ކުރުމުގެ މަސައްކަތް އެމެރިކާ އިން ހުއްޓާނުލާ ކުރާނެ ކަމަށެވެ.

އިޒްރޭލުން ދެމުންދާ ހަމަލާތަކުގައި މިހާތަނަށް ގާޒާ އިން 24،000 އަށް ވުރެ ގިނަ މީހުން ޝަހީދުވެފައިވާ އިރު މީގެ ތެރޭގައި ގިނައީ އަންހެނުންނާއި ކުޑަކުދިންނެވެ. މި ހަނގުރާމައިގައި އިޒްރޭލު ސިފައިންގެ 170 މީހަކު ވަނީ މަރުވެފަ އެވެ.

ހަނގުރާމައިގެ ސަބަބުން ގާޒާގެ 85 ޕަސެންޓު މީހުން ގެދޮރު ދޫކޮށް ގޮސްފައިވާއިރު ގާޒާގެ ބައި މިލިއަނެއްހާ މީހުން ބަޑުހައިހޫނުކަން އަންނަނީ ތަހައްމަލު ކުރަމުންނެވެ. އަދި ވަގުތީ ހިޔާތަކުގައި ދިރިއުޅެމުންދާ މީހުންގެ މެދުގައި ނުރައްކާތެރި ބަލިތައް ފެތުރެމުންދާ މިންވަރު ބޮޑުތަނުން އިތުރުވެފައިވާ ކަމަށް އދ. އިން ބުނެ އެވެ.