Last Updated: July 22, 18:06
Wednesday, July 22, 2026
ޚަބަރު

ކައުންސިލްތަކަށް ފަޅުރަށްތައް ދޭ ގަވައިދު އާންމުކޮށްފި

ކައުންސިލްތަކުން ބޭނުންވާ ނަމަ ރަށްރަށާއި ކައިރީ އޮންނަ ފަޅުރަށްތައް އެ ކައުންސިލްތަކުގެ ބޭނުންތަކަށް ލިބޭނެގޮތް ފަހިކޮށްދޭ ގަވާއިދު އާންމުކޮށްފި އެވެ.

"މަސްވެރިކަމާއި ދަނޑުވެރިކަމާއި އިގުތިސާދީ ބޭނުންތައް ފިޔަވައި އެނޫން ބޭނުންތަކަށް ފަޅުރަށްތައް ދޫކުރުމާ ބެހޭ ގަވާއިދު" ގެ ނަމުގައި އިއްޔެ އާންމުކުރި ގަވާއިދުގައި ބުނެފައި ވަނީ، ކައުންސިލްތަކުން ބޭނުންވެއްޖެ ނަމަ އެ ކައުންސިލެއްގެ އިހުތިސާސްގައި ނުހިމެނޭ ފަޅުރަށެއް ވިޔަސް އެ ރަށް ހޯދުމަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ. އެގޮތުން ކައުންސިލްތަކުން ހުށަހަޅާ ޕްރޮޕޯސަލްތައް ބަލައި ރަށްތައް ދޫކުރުމުގެ މަސައްކަތް ކުރާނީ ސިޓީތަކާއި ލޯކަލް ގަވަމަންޓާ ގުޅޭ މިނިސްޓްރީން ކަމަށް ވެސް ބުނެފައިވެ އެވެ.

ނަމަވެސް ރަށެއް ކައުންސިލަކަށް ދިނުމަށް ނިންމަވާނީ ސީދާ ރައީސް ކަމަށް ގަވާއިދުގައި ބަޔާންކޮށްފައިވެ އެވެ.

ކައުންސިލްތަކުގެ އިތުރުން އާންމު ފަރާތްތަކަށް ވެސް ރަށްތަކަށް އެދުޖމުގެ ހުޅުވާލާފައިވާއިރު، ރަށްރަށުގައި ހިންގޭނެ ނަފާވާ ކަންކަން ވެސް އެ ގަވާއިދުގައި ވަނީ ހިމަނައިފަ އެވެ.

އޭގެ ތެރޭގައި ހިމެނެނީ ކަންކަމަކީ ގަސް ހެއްދުން ނުވަތަ ކާބޯތަކެތި ހެއްދުން، ތަކެތި ގުދަންކުރުން، ކުކުޅާއި ގެރިބަކަރި ފަދަ ތަކެތި ގެންގުޅުން، ދޫނި ގެންގުޅުން، މަސްކައްކައި ހިއްކުން، ލޮނުމަހުގެ މަސައްކަތް ކުރުން، ފަރުދީ ފެންވަރުގައި ހުއިފިލަނޑާ ކައްކައި ހިއްކުން، އެކުއަކަލްޗަގެ މަސައްކަތް ކުރުން، ފާނަކޮށިއެޅުމާއި ފާނައިގެ މަސްވެރިކަން ކުރުން، ދިރޭމަސް ގެންގުޅުން، އޮޑިދޯނިފަހަރު ބަނުމުގެ މަސައްކަތް ކުރުން، ފައިބަރުގެ މަސައްކަތް ކުރުން، ވަޑާމުގެ މަސައްކަތް ކުރުން، ވާކްޝޮޕް ހިންގުން، އެޅިގަލުގެ މަސައްކަތް ކުރުން، ދަތުރުދިޔުމާއި މޫދުކުޅިވަރުގެ ޚިދުމަތް ދިނުން އަދި ލުއި ބުއިން ނުވަތަ ލުއި ކެއުން ތައްޔާރުކޮށް ވިއްކުމެވެ.

ގަވާއިދުގައިވާ ގޮތުން، ކައުންސިލްތަކަށް ފަޅުރަށް ދޫކުރާނީ 10 އަހަރުގެ މުއްދަތަށެވެ. އެ މުއްދަތުގައި އެ ރަށުގެ ތިމާވެށީގެ ކަންކަމަށް ސަމާލުވުން ފަދަ ކަންކަން ގަވާއިދުގައި ކައުންސިލްތަކަށް މަތިކުރެ އެވެ.