Last Updated: July 14, 13:49
Tuesday, July 14, 2026
ކުޅިވަރު

އެތުލެޓިކޯ އިން ރެއާލް ކަޓުވާލައިފި

އެތްލެޓިކޯ މެޑްރިޑުން 4-2 އިން ރެއާލް މެޑްރިޑް ބަލިކޮށް ސްޕެނިޝް ކަޕްގެ ކުއާޓާފައިނަލަށް ދަތުރުކޮށްފި އެވެ.

އެތްލެޓިކޯގެ ދަނޑުގައި ރޭ ކުޅުނު މި މެޗުގެ 39 ވަނަ މިނެޓްގައި ޑިއާސް ލިނޯ ވަނީ އެތްލެޓިކޯ އަށް ލީޑު ނަގައިދީފަ އެވެ. ނަމަވެސް ފުރަތަމަ ހާފުގެ ފަހު ވަގުތުކޮޅުތެރޭ ރެއާލުން ވަނީ ނަތީޖާ އެއްވަރުކޮށްދީފަ އެވެ. މި ގޯލަކީ އެތްލެޓިކޯގެ ގޯލްކީޕަރު ޔާން އޮބްލަކް އަތުން ބައިކޮޅަށް ވަތް ގޯލެކެވެ.

ދެ ޓީމު އެއްވަރެއްގައި އޮވެ ފުރަތަމަ ހާފު ނިމުނުއިރު މެޗުގެ 57 ވަނަ މިނެޓްގައި އަލްވަރޯ މޮރާޓާ ވަނީ އަލުން އެތްލެޓިކޯ އަށް ލީޑު ނަގައިދީފަ އެވެ. މި ގޯލާއެކު އެތްލެޓިކޯ މޮޅުވާން ދަނިކޮށް މެޗުގެ 82 ވަނަ މިނެޓްގައި ޖޮސެލޫ ވަނީ ދެވަނަ ފަހަރަށް ރެއާލަށް ނަތީޖާ އެއްވަރުކޮށްދީފަ އެވެ.

މެޗުގެ 90 މިނެޓް ހަމަވިއިރު ދެ ޓީމުވެސް އެއްވަރުވެފައި އޮތުމުން ނަތީޖާ ނެރުމަށް ދެން ކުޅުނީ އިތުރު ވަގުތުގެ ދެ ހާފުގެ ކުޅުމެވެ. އެގޮތުން މެޗުގެ 100 ވަނަ މިނެޓްގައި އެންޓުއާން ގްރިޒްމަން އެތްލެޓިކޯ އަށް ތިންވަނަ ފަހަރަށް ލީޑު ނަގައިދިންއިރު އެޓީމަށް ކުއާޓާގެ ޖާގަ ކަށަވަރުކޮށްދިން ގޯލު މެޗުގެ އެންމެފަހު ވަގުތުކޮޅުތެރޭ ކާމިޔާބުކޮށްދިނީ ރޮޑްރިގޯ ރިކެލްމޭ އެވެ.

ސްޕެނިޝް ކަޕްގައި ރޭ ބާސެލޯނާ އިން ވަނީ ތިންވަނަ ޑިވިޝަނުގެ ކްލަބެއް ކަމަށްވާ ޔޫނިއޮނިސްޓާސްގެ މައްޗަށް 3-1 އިން ކުރި ހޯދައި ކުއާޓާފައިނަލަށް ދަތުރުކޮށްފަ އެވެ.