ބޮލީވުުޑްގެ ކާމިޔާބު ޑައިރެކްޓަރު ރޯހިތު ޝެޓީ ކޮމެޑީ ފްރެންޗައިޒް "ގޯލްމާލް" ގެ ފަސް ވަނަ ފިލްމު ބެލުންތެރިންނާ ހަމައަށް އަންނަން އަދި ދެ އަހަރުވަރު ނަގާނެ ކަމަށް ބުނެފި އެވެ.
ޕިންކްވިލާ އަށް ދިން އިންޓަވިއުއެއްގައި ރޯހިތު ބުނީ "ގޯލްމާލް 5" އަކީ ޔަގީނުން ވެސް ބެލުންތެރިންނަށް ގެނެސްދޭނެ އެއްޗެއް ކަމަށެވެ. އެހެންވެ އޭނަ ކުރިން ޕްލޭންކޮށްގެން ހުރި ވަރަށް ވުރެ ވަރަށް އަވަހަށް އެ ފިލްމު ބެލުންތެރިންނާ ހަމައަށް އަންނާނެ ކަމަށް ބުންޏެވެ.
"ކުރިއަށް އޮތް ދެ އަހަރުގެ ތެރޭގައި ގޯމްލާމް ފަހެއް ބެލުންތެރިންނަށް ފެންނާނެ،" ހުނަރުވެރި ޑައިރެކްޓަރު ބުންޏެވެ. "އަދި ޔަގީންކަން ވެސް ދެން ކުރީގެ ފިލްމުތަކަށް ވުރެ ހުރިހާ ގޮތަކުން ވެސް ފުރިހަމަ ފިލްމަކަށް އޭތި ވާނެ."
ބެލުންތެރިންގެ މަގުބޫލުކަން ވަރަށް ބޮޑަށް ހޯދާފައިވާ "ގޯލްމާލް" ފްރެންޗައިޒްގެ އެންމެ ފަހުގެ ފިލްމަކީ 2017 ގެ "ގޯލްމާލް އެގެއިން" އެވެ. މީގެ ފުރަތަމަ ބަޔަކީ 2006 ގެ "ގޯލްމާލް: ފަން އަންލިމިޓެޑް" އެވެ. މި ފްރެންޗައިޒްގެ އާންމު ތަރިންނަކީ އަޖޭ ދޭވްގަނާއި އަރުޝަދު ވަރްސީގެ އިތުރުން ތުޝާރް ކަޕޫރެވެ.
ރޯހިތު މިހާރު އަންނަނީ މި އަހަރުގެ އޮގަސްޓްގައި އޭނަ ގެނެސްދޭން ނިންމާފައިވާ އަޖޭގެ "ސިންގަމް" ފްރެންޗައިޒްގެ ތިން ވަނަ ފިލްމު "ސިންގަމް އެގެއިން" ގެ މަސައްކަތް ކުރަމުންނެވެ. ރޯހިތު އެންމެ ފަހުގެ ފިލްމަކީ 2022 ގެ ކޮމެޑީ "ސާކަސް" އެވެ.
އޭނަގެ އެންމެ ފަހުގެ މަސައްކަތަކީ މިއަދު އެމެޒޯން ޕްރައިމް ވީޑިއޯ އަށް ދޫކޮށްލި ވެބް ސީރީޒް "އިންޑިއަން ޕޮލިސް ފޯސް" އެވެ.