އަންނަ މަހު އޮލިމްޕަހަށް ގެންނަން ނިންމާފައިވާ ބިރުވެރި ފިލްމު "ކަންބަޅި" ގެ ރަސްމީ ފުރަތަމަ ޕޯސްޓަރު މިއަދު ދައްކާލައިފި އެެވެ.
މި ޕޯސްޓަރުގައި ހިމެނެނީ ފިލްމުގެ މައިގަނޑު އެއް ރޯލު ކުޅެފައިވާ ނުޒުހަތު ޝުއައިބް (ނުޒޫ) އެވެ. "ކަންބަޅި" ގެ ފުރަތަމަ ޕޯސްޓަރު ދައްކައިލި އިރު، މީގެ ހަފުތާއެއްހާ ދުވަސް ކުރިން، ފިލްމުގެ މައިގަނޑު ކެރެކްޓާތައް ކުޅެފައިވާ ތަރިންގެ ފަސްޓްލުކް ޕޯސްޓަރުތަކެއް ކެރެކްޓާތަކަށް ކިޔާ ނަންތަކާ އެކީ އާންމުކޮށްފަ އެވެ.
އަންނަ މަހުގެ 1 ގައި ޕްރީމިއާކުރަން ހަމަޖެހިފައިވާ "ކަންބަޅި" ގެ ޓްރެއިލާއެއް ވެސް ކުރިން އާންމުކޮށްފައިވެ އެވެ. މީގެ ކާސްޓްގައި ރަވީ ފާރޫގް، ވާޝިޔާ މުހައްމަދު، ޝަރަފު އަބްދުﷲ، އިފްނާޒް ފިރާގު، އަދި ތާތި ފަދަ ތަރިން ހިމެނެ އެވެ.
"ކަންބަޅި" އަކީ އިލްޔާސް ވަހީދު (އިއްލެ) ގެ ސްކްރީންޕްލޭއަކަށް އޭނަ އާއި އިފްނާޒް ޑައިރެކްޓްކޮށްފައިވާ އެއްޗެކެވެ. އަދި މިއީ އައި ފިލްމްސް އިން ބެލުންތެރިންނަށް ގެނެސްދޭ ފުރަތަމަ ބިރުވެރި ފީޗާ ފިލްމެވެ. އެ ސްޓޫޑިއޯގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ އަހަރުގެ ކްރައިމް ތުރިލާ "ނީނާ" އެވެ.
އެ ފިލްމުގެ އިތުރުން އިއްލެ ވަނީ މިދިޔަ އަހަރު "ފްރީ ޑެލިވަރީ" ކިޔާ ޑާކް ކޮމެޑީއެއް ވެސް ގެނެސްދީފަ އެވެ.
"ކަންބަޅި" އަކީ މި އަހަރުގެ ދެވަނަ ފިލްމެވެ. މިހާރު އޮލިމްޕަހުގައި ދައްކަމުން އަންނަނީ މި މަހުގެ 6 ގައި ޕްރީމިއާކުރި ލޯބީގެ ފިލްމު "މީ އިޝްގް" އެވެ.