ހައި ކޯޓުގެ ކުރީގެ ފަނޑިޔާރު އަބްދުއްރައޫފް އިބްރާހީމް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަކުރައްވަން ނިންމަވައިފި އެވެ.
އޭނަ ނިސްބަތްވާ ކެޔޮދޫ ދާއިރާ އަށް ވާދަ ކުރައްވަން ނިންމެވީ ޕީއެންސީ/ޕީޕީއެމްގެ ޓިކެޓްގަ އެވެ. ޕްރައިމަރީގައި ވާދަކުރައްވަން ރައޫފު ފޯމު ހުށަހަޅުއްވާފައިވާ އިރު، އެ ކޯލިޝަންގެ ޕްރައިމަރީ އޮންނާނީ މި މަހުގެ 27 ގަ އެވެ.
ރައޫފަކީ ޝަރީއަތާއި ގާނޫނުގެ ދާއިރާ އިން ޑިޕްލޮމާ އަދި އެލްއެލްބީ އޮނާސް ޑިގްރީ ހާސިލު ކުރައްވާފައިވާ ބޭފުޅެކެވެ. އޭނަ ހައި ކޯޓްގެ ފަނޑިޔާރުކަން 11 އަހަރު ކުރައްވާފައިވެ އެވެ. ރައޫފު ފަނޑިޔާރުކަމުން ވަކިވެވަޑައިގެންނެވީ މެއި 31، 2022 ގަ އެވެ. އެއީ މާޗް 26، 2011 އިން ފެށިގެން އެ މަގާމުގައި ހުންނެވުމަށް ފަހު އެވެ.
ރައޫފަކީ އެޓާނީ ޖެނެރަލްގެ އޮފީހުގެ ލީގަލް އެސިސްޓެންޓްކަމާއި ސިވިލް ކޯޓްގެ އެސިސްޓެންޓް ރަޖިސްޓްރާކަން ވެސް ކުރައްވާފައިވާ ބޭފުޅެކެވެ. އަދި އެސްޓީއޯގެ ގާނޫނީ ވަކީލެއްގެ ގޮތުގައި ތިން އަހަރު އަދި ސްޓެލްކޯގެ ލީގަލް ކޮންސަލްޓެންޓެއްގެ ގޮތުގައި ދެ އަހަރެއްހާ ދުވަހު މަސައްކަތް ކުރައްވާފައިވެ އެވެ.
މަޖިލިސް އިންތިހާބު ބާއްވަން ހަމަޖެހިފައި ވަނީ މާޗް 17 ގަ އެވެ.