ވިހެއުމަށް ފަހު ތުވާއްޔަކަށް ލައި އެއްލާލާފައި އޮތް ކުއްޖަކު ލަންޑަނުން ފެނިއްޖެ އެވެ.
މީޑިއާތަކުން ބުނީ އެ އަންހެން ކުއްޖާ ފެނުނީ އިރުމަތީ ލަންޑަންގެ ނިއުހެމްގެ ގްރީންވޭ ހިސާބުގަނޑުން ކަމަށާއި ކުއްޖާ ފެނުނީ ކުއްތާއެއް ގޮވައިގެން ހިނގަން ނުކުމެ އުޅުނު މީހަކަށް ކަމަށެވެ. އެ މީހާ ވަނީ ގަދަ ފިނީގެ ތެރެއަށް ކުއްޖާ އެއްލާލާފައި އޮއްވައި ފެނުމާ ގުޅިގެން ފުލުހުންނަށާއި ޕެރެމެޑިކަށް ގުޅައި އެކަން ހިއްސާކޮށްފަ އެވެ.
މިކަމާ ބެހޭ ގޮތުން ލަންޑަންގެ މެޓްރޮޕޮލިޓަން ފުލުހުން ބުނީ ވިހާފައި ކުއްޖާ އެއްލާލި މައްސަލަގައި ވަރަށް ކަންބޮޑުވާ ކަމަށާއި އެ ކުއްޖާގެ މަންމަ ހޯދަން މަސައްކަތްކުރަމުން އަންނަ ކަމަށެވެ. އަދި މިކަމާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ނަމަ އެކަން ވީހާ ވެސް އަވަހަކަށް ހިއްސާކޮށް ދޭން އެދިފަ އެވެ.
ފުލުހުން ވަނީ ކުއްޖާގެ މަންމަ ވެސް ފުލުހުންގެ އިމަޖެންސީ ނަމްބަރަށް ގުޅައި ދިނުމަށް އެދިފަ އެވެ. އަދި މި ހާލަތުގައި އޭނަ އަށް އެއްވެސް އެހީތެރިކަމެއް ބޭނުންވާ ނަމަ އެ އެހީއެއް ފޯރުކޮށް ދޭން ތައްޔާރަށް ތިބި ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނި ގޮތުގައި ކުއްޖާގެ ހާލު ރަނގަޅެވެ.