ފްރާންސް ލީގަށް ވުރެ ސައުދީ އަރަބިއްޔާގެ ޕްރޯ ލީގު މިހާރު މާ ގަދަ ކަމަށް އަލް ނަސްރަށް ކުޅެމުން އަންނަނ ޕޯޗުގަލްގެ ފޯވާޑް ކްރިސްޓިއާނޯ ރޮނާލްޑޯ ބުނެފި އެވެ.
ސައުދީ ލީގުގެ ކްލަބުތަކުން ވަނީ ފާއިތުވި އަހަރެއްހާ ދުވަސްތެރޭ ލީގު ވަރުގަދަ ކުރުމުގެ ގޮތުން ޔޫރަޕްގެ ނަން މަޝްހޫރު ގިނަ ތަރިންތަކެއް ގެނެސްފަ އެވެ. އެގޮތުން އެންމެ ފުރަތަމަ ސައުދީ އަލް ނަސްރަށް ރޮނާލްޑޯ ގެންދިޔައިރު އޭގެފަހުން ނޭމާ އާއި ސަޑިއޯ މާނޭ އާއި ރިޔާދް މަހްރޭޒް މެންފަދަ ކުޅުންތެރިން ވަނީ ސައުދީގެ ކްލަބުތަކަށް ބަދަލުވެފަ އެވެ.
ދުބާއީގައި ރޭ ބޭއްވި "ގްލޯބް ސޮކާ އެވޯޑްސް"ގައި ވާހަކަދައްކަމުން ރޮނާލްޑޯ ބުނީ ފްރާންސް ލީގުގައި ރަނގަޅު ފެންވަރެއްގައި އޮންނަނީ ދެތިން ކްލަބު ކަމަށާއި ނަމަވެސް ސައުދީ ލީގު އެއަށް ވުރެ މާ ވާދަވެރި ކަމަށެވެ. މިއީ އޭނާގެ އަމިއްލަ ހިޔާލު ކަމަށާއި މި ވާހަކަ މިހެން ބުނަން އިނގެނީ ސައުދީ ލީގުގައި ކުޅެފައިވުމުން ކަމަށް ރޮނާލްޑޯ ބުންޏެވެ.
"އަހަންނަށް ހީވަނީ މިހާރު ސައުދީ ލީގު ފްރެންޗް ލީގަށް ވުރެ ގަދަހެން،" ރޮނާލްޑޯ ބުންޏެވެ.
ރޮނާލްޑޯ ،38، އަލް ނަސްރަށް ބަދަލުވިފަހުން ކުޅެދިން 50 މެޗުގައި ވަނީ 44 ގޯލު ކާމިޔާބުކޮށްފަ އެވެ.