ފަލަސްތީނުގެ މިނިވަން ކަމަށް މަސައްކަތް ކުރާ ހަމާސް ޖަމާއަތް ބަލިނުކުރެވޭ ކަމަށާއި އެ ޖަމާއަތް ބަލިކުރެވުނު ކަމަށް ދެކެވޭ ވާހަކަތަކުގައި ހަގީގަތެއް ނެތް ކަމަށް އިޒްރޭލުގެ ވަޒީރެއް ކަމަށްވާ ގަޑީ އެއިސެންކޮޓް ވިދާޅުވެއްޖެ އެވެ.
އިޒްރޭލުން ފަލަސްތީނަށް ހަމަލާދޭން ފެށީ މިދިޔަ އޮކްޓޫބަރު މަހުގެ 7 ވަނަ ދުވަހު ކަމަށްވާއިރު މިހާތަނަށް އިޒްރޭލަށް މި ހަނގުރާމައިގައި މާބޮޑު ކުރިއެރުމެއް ލިބިފައެއް ނުވެ އެވެ. މިކަމާ ގުޅިގެން އިޒްރޭލުގެ ކެބިނެޓުގައި ބައިބައިވުން އުފެދިފައިވާއިރު އެގައުމުގެ އިދިކޮޅު ފަރާތްތަކުން އަންނަނީ ވީހާވެސް އަވަހަކަށް އާންމު އިންތިހާބެއް ބޭއްވުމަށް ގޮވާލަމުންނެވެ.
އިޒްރޭލުގެ ޓީވީ ޗެނަލަށް ދިން އިންޓަވިއުއެއްގައި އެއިސެންކޮޓް ވިދާޅުވީ ގާޒާގެ އުތުރުގެ ހިސާބުތަކުގައި ހަމާސް ޖަމާއަތަށް ގެއްލުންތަކެއް ދެވިފައިވާ ކަމަށް ބުނެ ދައްކާ ވާހަކަތަކުގައި ހަގީގަތެއް އެކުލެވޭ ކަމަށާއި ނަމަވެސް ހަމާސް ޖަމާއަތް އެއްކޮށް ބަލިކުރެވުނު ކަމަށް ބުނެ ދައްކާ ވާހަކަތަކުގައި އެއްވެސް ހަގީގަތެއް ނެތް ކަމަށެވެ.
"އަހަރުމެންނަކަށް ހަމާސް ޖަމާއަތެއް ފުނޑުފުނޑުކޮށެއް ނުލެވޭ،" އޭނާ ވިދާޅުވި އެވެ.
އިޒްރޭލު ސަރުކާރުން އެންމެ އިސްކަމެއް ދީގެން ކުރަންޖެހޭ ކަމަކީ ހަމާސްގެ ބެލުމުގެ ދަށުގައި ތިބި އަސީރުންތައް މިނިވަން ކުރުން ކަމަށްވާއިރު އެކަމުގައި ސަރުކާރު ފެއިލްވެފައިވާ ކަމަށްވެސް އޭނާ ވިދާޅުވި އެވެ. އަދި މި ފެއިލްވުމުގައި އޭނާ ވެސް ހިމެނޭ ކަމަށް ގަބޫލުކުރާ ކަމަށް ވިދާޅުވި އެވެ.
އިޒްރޭލުން ދެމުންދާ ހަމަލާތަކުގައި މިހާތަނަށް ގާޒާ އިން 24،000 އަށް ވުރެ ގިނަ މީހުން ޝަހީދުވެފައިވާ އިރު މީގެ ތެރޭގައި ގިނައީ އަންހެނުންނާއި ކުޑަކުދިންނެވެ. މި ހަނގުރާމައިގައި އިޒްރޭލު ސިފައިންގެ 170 މީހަކު ވަނީ މަރުވެފަ އެވެ.