ބޮލީވުޑްގެ މަޝްހޫރު ތަރި އަޖޭ ދޭވްގަންގެ ސުޕަނެޗްރަލް ތުރިލާ "ޝައިތާން" މި އަހަރުގެ މާޗް 8 ގައި ގެނެސްދޭން ނިންމައި ފިލްމުގެ ފަސްޓްލުކް ޕޯސްޓަރު ދައްކާލައިފި އެވެ.
ޝޫޓިން ނިންމާލައި މިހާރު ޕޯސްޓް-ޕްރޮޑަކްޝަން މަރުހަލާގައި އޮތް މި ފިލްމަކީ މިދިޔަ އަހަރުގެ ފަހުކޮޅު ޓައިގާ ޝްރޮފްގެ "ގަނަޕަތު" ގެނެސްދިން ޑައިރެކްޓަރު ވިކާސް ބާލް ހަދާފައިވާ ފިލްމެކެވެ. "ޝައިތާން" އަކީ ވިކާސްއާ އެކީ އަޖޭ މަސައްކަތްކުރި ފުރަތަމަ ފިލްމެވެ.
މި ފިލްމުގެ ކާސްޓްގައި އާރް މާދްވަނާއި ޖޯތިކާ ވެސް ހިމެނެ އެވެ. ރިޕޯޓްތައް ބުނާ ގޮތުން "ޝައިތާން" އަކީ މިދިޔަ އަހަރު ރިލީޒްކުރި ގުޖްރާތީ ފިލްމު "ވަޝް" އަސްލަކަށް ބަލައިގެން ހަދާފައިވާ އެއްޗެކެވެ. ބެލުންތެރިންގެ ބޮޑު ތަރުހީބެއް ލިބުނު އެ ފިލްމަކީ ކްރިޝްނަދޭވް ޔަގްނިކް ޑައިރެކްޓްކުރި ފިލްމެކެވެ.
މިދިޔަ އަހަރު "ބޯލާ" އިން ފެނިގެން ދިޔަ އަޖޭގެ މި އަހަރަށް ހުރި އިތުރު ފިލްމުތަކުގެ ތެރޭގައި "އޯރޯ މޭ ކަހާ ދަމް ތާ"، "ސިންގަމް އެގެއިން"، "ރެއިޑް 2" އަދި "މައިދާން" ހިމެނެ އެވެ.