އަންހެނުންނަށް ހާއްސަކޮށްގެން 100 މިލިއަން ރުފިޔާގެ ލޯނު ސްކީމެއް ތައާރަފު ކުރަން ނިންމައިފި އެވެ.
މިކަން އިއުލާންކޮށްފައި ވަނީ ރޭ ހުޅުމާލޭގައި އަންހެނުންނަށް ހާއްސަކޮށްގެން ހެދި "ހިޔަލަ ވީކެންޑް މާރުކޭޓް" ހުޅުވަން ބޭއްވި ރަސްމިއްޔާތުގައި ފެމިލީ އެންޑް ސޯޝަލް ޑިވެލޮޕްމަންޓް މިނިސްޓަރު ޑރ. އައިޝަތު ޝިހާމެވެ.
"އަންހެނުންނަށް ޚާއްސަކުރެވިފައިވާ 100 މިލިއަން ރުފިޔާގެ ލޯނު ވަރަށް އަވަހަށް ދޫކުރަން ފަށާނެ. ހަަމައެއާއެކު ކުދި ވިޔަފާރިތަކަށް، ޚާއްސަކޮށް މާލީ އެހީތެރިކަން ފޯރުކޮށް ދިނުމަށް ޚާއްސަ ލޯނެއް ވެސް ވަރަށް އަވަހަށް ތައާރަފްކުރެވިގެން ދާނެ."
މިނިސްޓަރު ވިދާޅުވީ ކޮންމެ އަންހެނަކީ ވެސް ފުދުންތެރި އަންހެނަކަށް ވުން މުހިންމު ކަމަށާއި މި ސަރުކާރުގެ އެންމެ މުހިންމު އެއް އަމާޒަކީ ވެސް އަންހެނުން ބާރުވެރިކުރުވުން ކަމަށެވެ. އެހެންވެ ކޮންމެ އަންހެނަކީ މަސައްކަތެއްކޮށްގެން އާމްދަނީ ހޯދާ މީހަކަށްވާން ޖެހޭ ކަމަށާއި ސަރުކާރުން ތައާރަފު ކުރަން ނިންމާފައިވާ ލޯނު ސްކީމްގެ ބޭނުމަކީ ވެސް އެފަދަ ކަންކަމަށް މަގުފަހިކޮށް ދިނުން ކަމަށް ވިދާޅުވި އެވެ.