ސަނީ ޑިއޯލްގެ ކާމިޔާބު "ގަދަރު" ފްރެންޗައިޒްގެ ތިން ވަނަ ބައި ވެސް ހަދާނެކަން ކަށަވަރުކޮށް ދީފި އެވެ.
މިދިޔަ އަހަރުގެ އޮގަސްޓްގައި "ގަދަރު 2" ރިލީޒްކޮށް ހޯދި ބޮޑު ކާމިޔާބީއާ ގުޅިގެން ވެސް މީގެ ތިން ވަނަ ބައެއް ހެދުމުގެ ވާހަކަތަކެއް ވަރަށް ބޮޑަށް މީޑިއާތަކުގައި ދެކެވިފައިވެ އެވެ. ނަމަވެސް އޭރު ފިލްމުގެ ޓީމުން އެކަން ކަށަވަރުކޮށް ދީފައެއް ނުވެ އެވެ.
ނަމަވެސް ޑައިރެކްޓަރު އަނިލް ޝަރުމާ އިއްޔެ ޕިންކްވިލާ އަށް ބުނީ "ގަދަރު" ގެ ފުރަތަމަ ދެ ބައި ވެސް ޕްރޮޑިއުސްކުރި ޒީ ސްޓޫޑިއޯސް އިން ތިން ވަނަ ބަޔާއިގެން ކުރިއަށް ދާން އެދިފައިވާ ކަމަށެވެ.
"އެހެންވީމަ ޔަގީންކަން ދެން ތާރާ ސިންގް [ސަނީގެ ކެރެކްޓާ] އަލުން ތިންވަނަ ބަޔާ އެކީ އަންނާނެކަން. އަހަރެންގެ އަތުގައި މިހާރު ފިލްމުގެ ވާހަކައިގެ ބޭސިކް ޕްލޮޓް ވެސް އެބައޮތް." އޭނަ ބުންޏެވެ.
އަނިލް ބުނީ "ގަދަރު 3" ގެ ސްކްރީންޕްލޭގެ މަސައްކަތް ފަށާނީ އޭނަ މިހާރު ޑައިރެކްޓްކުރަމުން އަންނަ "ޖާނީ" ގެ މަސައްކަތް ނިމުމުން ކަމަށެވެ. މި ފިލްމަކީ "ގަދަރު 2" ގައި ވެސް ސަނީ އާއި އަމީޝާ ޕަޓޭލްގެ ދަރިފުޅުގެ ރޯލު ކުޅުނު، އަނިލްގެ ދަރިފުޅު އުތުކާޝް ޝަރުމާ އާއި ނާނާ ޕަޓޭކަރާ އެކީ ހަދަމުން އަންނަ ފިލްމެކެވެ.
މިދިޔަ އަހަރުގެ އޮގަސްޓް 11 ގައި ރިލީޒްކުރި "ގަދަރު 2" އަކީ މިދިޔަ އަހަރުގެ އެންމެ ކާމިޔާބު އެއް ފިލްމެވެ. ޖުމްލަ 60 ކްރޯޑް ރުޕީސް (7.2 މިލިއަން ޑޮލަރު) ގެ ބަޖެޓަކުން ހެދި ފިލްމަށް އާމްދަނީގެ ގޮތުގައި 691.08 ކްރޯޑް ރުޕީސް (83.14 މިލިއަން ޑޮލަރު) ލިބުނެވެ.
"ގަދަރު: އޭކް ޕްރޭމް ކާތާ" ރިލީޒްކުރީ 2001 ގަ އެވެ.
ސަނީގެ ކުރިއަށް ހުރި ފިލްމުތަކީ "ސަފަރު" އާއި "ލާހޯރް: 1947" އެވެ.