Last Updated: July 23, 10:04
Thursday, July 23, 2026
މުނިފޫހިފިލުވުން

ނެގަޓިވް ރޯލެއް ވަރަށް ބޭނުން: ކެޓްރީނާ

ފިލްމެއްގައި ނެގެޓިވް ރޯލެއް ކުޅެލަން ވަރަށް ބޭނުންވާ ކަމަށާއި އެކަމަކު އެ ރޯލު އޮއްޓަރު ހުރި ރޯލަކަށް ވާން ޖެހޭނެ ކަމަށް ބޮލީވުޑްގެ މަޝްހޫރު ބަތަލާ ކެޓްރީނާ ކައިފް ބުނެފި އެވެ.

މި މަހުގެ 12 އިން ފެށިގެން ސިނަމާތަކުގައި ދައްކަމުން އަންނަ މިސްޓްރީ ތުރިލާ "މެރީ ކްރިސްމަސް" ގެ ބަތަލާ ޕިންކްވިލާ އަށް ދިން އިންޓަވިއުއެއްގައި ބުނީ މިހާތަނަށް ކުރެވުނު ފިލްމީ މަސައްކަތްތަކާ ދޭތެރޭ ވަރަށް ހިތްހަމަޖެހޭ ކަމަށެވެ. އަދި ފިލްމީ މަސައްކަތުގައި އަބަދު ވެސް ދެމިހުންނާނެ ކަމަށާއި ކުރިއަށް ދިއުމަށްޓަކައި ތަފާތު ރޯލުތަކެއް ކުޅެން ބޭނުންވާ ކަމަށް ބުންޏެވެ.

"އެކްޓަރެއްގެ ގޮތުގައި އަހަރެން އެކްސްޕްލޯކޮށްލަން ބޭނުންވާ ވަރަށް ގިނަ ރޯލުތައް އަދިވެސް އެބަހުރި. އެގޮތުން ވަރަށް ބޭނުން ނެގަޓިވް ރޯލެއް ކުޅެލަން. އެކަމަކު އެ ރޯލަކީ އޭގެ ޒާތުގައި ވެސް ވަރުގަދަ ރޯލަކަށް ވާން ޖެހޭ." އެކްޓަރު ވިކީ ކޯޝަލްގެ އަންހެނުން ބުންޏެވެ.

މިހާތަނަށް ކާމިޔާބު އެތައް ފިލްމެއް ކުޅެފައިވާ 40 އަހަރުގެ ބަތަލާ ބުނީ ދެން އެންމެ ބޮޑަށް ތަޖުރިބާކޮށްލަން ބޭނުން ވަނީ ޕީރިއަޑް ނުވަތަ ތާރީހީ ހާދިސާއަކަށް ބިނާކޮށް ހަދާ ފިލްމެއް ކަމަށެވެ.

ކެޓްރީނާ ބޮލީވުޑްއި އެންމެ މަޝްހޫރީ ރީތި ބަތަލާއަކަށްވުމުގެ އިތުރަށް ނެށުމަށް މޮޅު އަދި އެކްޝަން ރޯލުތަކަށް ވެސް ކަމުދާ ބަތަލާއެއްގެ ގޮތުގަ އެވެ. އެގޮތުން އޭނަ އާއި ސަލްމާން ޚާންގެ "ޓައިގާ" ފްރެންޗައިޒުން ކެޓްރީނާގެ ވަރުގަދަ އެކްޝަންތަކެއް ފެނިގެން ގޮސްފައިވެ އެވެ.