އިނގިރޭސި ޕްރިމިއާ ލީގުގައި މިއަދު އާސެނަލުން 5-0 ގެ ނަތީޖާއަކުން ކްރިސްޓަލް ޕެލެސް ބަލިކޮށްފި އެވެ.
މިއީ ތިން މެޗަށްފަހު ލީގުގައި އާސެނަލުން ހޯދި ފުރަތަމަ މޮޅެވެ. މި މޮޅާއެކު 21 މެޗުން ލިބުނު 43 ޕޮއިންޓާ އެކު އާސެނަލް ވަނީ ލީގުގެ ތިންވަނަ މަގާމަށް ޖެހިލާފަ އެވެ. އާސެނަލަށް ވުރެ އެއް މެޗު މަދުން ކުޅެ ގޯލުގެ ތަފާތުން ކުރި ހޯދައިގެން 43 ޕޮއިންޓާ އެކު ދެވަނައިގައި މެންޗެސްޓާ ސިޓީ އޮތްއިރު އެއްވަނައިގައި 45 ޕޮއިންޓާ އެކު އޮތީ ލިވަޕޫލް އެވެ.
މިއަދުގެ މެޗުގެ 11 ވަނަ މިނެޓްގައި އާސެނަލަށް ލީޑު ނަގައިދިނީ އެޓީމުގެ ޑިފެންޑަރު ގެބްރިއަލް އެވެ. ގެބްރިއަލް މި ގޯލު ކާމިޔާބު ކުރީ ޕެލެސްގެ ޕެނަލްޓީއޭރިއާ ތެރެއަށް ނެގި ހުރަހެއް ބޮލުން ފޮނުވާލައިގެންނެވެ. މެޗުގެ 37 ވަނަ މިނެޓްގައި އާސެނަލުން ދެވަނަ ގޯލު ކާމިޔާބު ކުރިއިރު މިއީ ޕެލެސްގެ ގޯލްކީޕަރު ޑީން ހެންޑަސަން އަތުން ބައިކޮޅަށް ވަތް ގޯލެކެވެ.
ދެ ގޯލުގެ ލީޑެއްގައި އޮވެ އާސެނަލުން ފުރަތަމަ ހާފު ނިންމާލިއިރު، މެޗުގެ 59 ވަނަ މިނެޓްގައި އާސެނަލްގެ ތިންވަނަ ގޯލު ކާމިޔާބުކޮށްދިނީ ލިއަންޑްރޯ ޓޮރޮސާޑް އެވެ. އަދި އާސެނަލްގެ ފަހު ދެ ގޯލު މެޗުގެ ފަހު ވަގުތުކޮޅުތެރޭ ކާމިޔާބުކޮށްދިނީ މާޓިނެއްލީ އެވެ.
ލީގުގައި އާސެނަލް ދެން ބައްދަލުކުރާނީ ރަށުން ބޭރުގައި ނޮޓިންހަމް ފޮރެސްޓްއާ އެވެ. ޕެލެސް ނިކުންނާނީ އަމިއްލަ ދަނޑުގައި ޝެފީލްޑް ޔުނައިޓެޑާ ދެކޮޅަށެވެ.