ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ އައްޑޫ ސްޓޭޑިއަމް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި އެވެ.
ސްޕޯޓްސް މިނިސްޓްރީން ބުނީ މިނިސްޓަރު ޢަބްދުﷲ ރާފިއު އައްޑު އަށް ކުރެއްވި ދަތުރުފުޅުގައި ސްޓޭޑިއަމްގެ އާބާތުރަ ފިލުވައި، ސްޓޭޑިއަމްގެ މަރާމާތުގެ މަސައްކަތްތައް ފައްޓަވާދެއްވާފައިވާ ކަމަށެވެ.
ސަމާލުކަން ނުދެވި، ގިނަ މަރާމާތުތަކެއް ބޭނުންވެފައިވާ އައްޑޫ ސްޓޭޑިއަމްގެ މަރާމާތުގެ މަސައްކަތް ނިމޭއިރު، އަލުން އެ ދަނޑުގައި މުބާރާތްތައް
ކުޅޭވޭ ފެންވަރަށް އަނބުރާ ގެނެވޭނެ ކަމަށް މިނިސްޓްރީން މައުލޫމާތުދެ އެވެ.
ސަމާލުކަން ނުދެވި، ގިނަ މަރާމާތުތަކެއް ބޭނުންވެފައިވާ، ހިތަދޫ ޒޯން ސްޓޭޑިއަމްގެ މަރާމާތުގެ މަސައްކަތް ނިމޭއިރު، އަލުން އެ ދަނޑުގައި މުބާރާތްތައް
ކުޅޭވޭ ފެންވަރަށް އަނބުރާ ގެނެވޭނެ. pic.twitter.com/ZhrnPPKTTE— Ministry of Sports, Fitness and Recreation (@MoSFR_mv) January 20, 2024
އައްޑޫ ސްޓޭޑިއަމް މަރާމާތު ކުރުމުގެ މަސައްކަތް ސަރުކާރުން ހަވާލުކޮށްފައިވަނީ އައްޑޫގެ ކުންފުންޏެއް ކަމަށްވާ ނޫރައްދީން އިންވެސްޓްމަންޓާ އެވެ. މި މަސައްކަތަށް ދާ ހަރަދެއް އަދި ނިންމަންޖެހޭ މުއްދަތެއް ވެސް މިނިސްޓްރީން ހާމަކޮށްފައެއް ނުވެ އެވެ.
އައްޑޫގައި ބޮޑެތި ކުޅިވަރު މުބާރާތް ބާއްވަމުން އަންނަ ސްޓޭޑިއަމްގެ ހާލަތު ވަރަށް ބޮޑަށް ދަށްވެ، އެތަނުގެ މިހާރުގެ ހާލަތުގެ ވާހަކަ 2022 ވަނަ އަހަރުގެ ފަހުކޮޅު ހިތަދޫ މޫލެކެޑެ ދާއިރާގެ ކައުންސިލަރު އަހުމަދު ސައީދު ފޮޓޯތަކަކާ ވެސް އެކީ ފޭސްބުކްގައި ހިއްސާކުރައްވައި އެތަނުގެ ހާލަތާ މެދު ކަންބޮޑުވުން ފާޅުރައްވާފައިވެ އެވެ.
އައްޑޫ ސްޓޭޑިއަމްގައި މިހާރު ވެސް އަންނަނީ ބޮޑު ދެ ކުޅިވަރު އިވެންޓެއް ބާއްވަން ތައްޔާރުވަމުންނެވެ. އެއީ އަންނަ މަހު ބާއްވަން ހަމަޖެހިފައިވާ އިންޓަ-ސްކޫލް އެތުލެޓިކްސް މުބާރާތާއި އެޕްރީލް މަހު ކައުންސިލުން ބާއްވަން ހަމަޖެހިފައިވާ "އައްޑޫ ފުޓްބޯލް ޗެމްޕިއަންޝިޕް" އެވެ.