ބޮލީވުޑްގެ ތަރި އާމިރު ޚާންގެ އާ ފިލްމު "ސިތާރޭ ޒަމީން ޕަރު" ގެ ޝޫޓިން އަންނަ މަހުގެ ފަށަން ތައްޔާރުވެފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ޕިންކްވިލާ އިން ބުނީ ސްޕެއިންގެ 2018 ގެ ފިލްމު "ޗެމްޕިއަންސް" އަށް ބިނާކޮށް ހަދާ ފިލްމު އާރްއެެސް ޕްރައްސަނާ ޑައިރެކްޓްކުރާ އިރު، މީގެ ޝޫޓިން އަންނަ މަހުގެ 2 ގައި ފަށާނެ ކަމަށެވެ. އަދި މުޅި ފިލްމުގެ ޝޫޓިން 70-80 ވަރަކަށް ދުވަހުގެ ތެރޭގައި ނިންމަން ޕްލޭންކޮށްފައިވާ ކަމަށް ޕިންކްވިލާ އިން ބުންޏެވެ.
އެ ނޫހުން ބުނި ގޮތުގައި "ސިތާރޭ ޒަމީން ޕަރު" ގެ ޝޫޓިން ފަށަން ގާތްވަމުން އަންނަ އިރު، މި ފިލްމަށް އާމިރު ވަރަށް ބޮޑަށް ތައްޔާރުވެ، އޭނަގެ ލުކް ވެސް ފައިނަލްކޮށްފައިވާ ކަމަށެވެ. މިއީ އާމިރުގެ އަމިއްލަ ފިލްމު ކުންފުނިން ޕްރޮޑިއުސް ވެސް ކުރާ އެއްޗެކެވެ.
އުމުރުން 58 އަހަރުގެ އެކްޓަރުގެ އެންމެ ފަހުގެ ފިލްމަކީ 2022 ގައި ރިލީޒްކޮށް، ބޮޑުތަނުން ފްލޮޕްވި "ލާލް ސިންގް ޗައްޑާ" އެވެ. މި ފިލްމުގެ ނާކާމިޔާބީއާ ގުޅިގެން އާމިރު ވަނީ ފިލްމީ މަސައްކަތްތަކުން މިދިޔަ އަހަރު އެއްކޮށް ބްރޭކެއް ނަގައިފަ އެވެ.
ރިޕޯޓްތައް ބުނާ ގޮތުން "ސިތާރޭ ޒަމީން ޕަރް" ގައި އާމިރާ އެކީ ބަތަލާގެ ރޯލު ކުޅޭނީ އެކްޓަރު ރިތޭޝް ދޭޝްމުކްގެ އަންހެނުން ޖެނީލިއާ ޑި ސޫޒާ އެވެ. އޭނަ އަކީ އާމިރަށް ބޮޑުބޭބެ ކިޔާ ކުރީގެ އެކްޓަރު އިމްރާންގެ އަލަތު ފިލްމު 2008 ގެ "ޖާނޭ ތޫ…ޔާ ޖާނޭ ނާ" ގެ ބަތަލާ ވެސް މެ އެވެ.
"ސިތާރޭ ޒަމީން ޕަރު" މި އަހަރުގެ ޑިސެމްބަރުގައި ސިނަމާތަކަށް ގެންނަން އަމާޒު ހިފާފައިވާ ކަމަށްވެ އެވެ.