ގއ. ވިލިގިލީ 13 އަހަރުގެ ކުޑަކުއްޖާ ފަރުވާއަށް މާލެ ގެނައުން ލަސްކުރުމުގައި އިހުމާލުތަކެއްވެފައިވާތީ އެކަމުގެ ފުރިހަމަށް ތަހުގީގެއް ހިންގައި، އިހުމާލުވި ފަރާތްތައް ޖަވާބުދާރީ ކުރުވުމަށް ދަ ޑިމޮކްރެޓްސްއިން ގޮވާލައިފިއެވެ.
ޑިމޮކްރެޓްސްއިން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ގއ. ވިލިގިލީ އުމުރުން 13 އަހަރުގެ މުހައްމަދު ޖާހް ހާލިދުގެ ބަލިހާލަތު ބޮޑުވެގެން އަވަހަށް މާލެ ގެންދިއުމަށް އެ ރަށުގެ ހޮސްޕިޓަލުގެ ޑޮކްޓަރުން ލަފާދެއްވާފައި ވަނިކޮށް، އެގޮތަށް އަމަލުކުރުން ލަސްކުރުމުގެ ސަބަބުން އެކުއްޖާ ނިޔާވި ހިތާމައިގައި އެ އާއިލާއާއެކު ބައިވެރިވާ ކަމަށެވެ.
ޑިމޮކްރެޓްސްއިން ބުނެފައިވަނީ ކުއްޖާ އިމަޖެންސީކޮށް އުފުލުމުގައި ކަންހިނގާފައިވާ ގޮތާމެދު ސަރުކާރުން މިހާތަނަށް ހާމަކުރައްވާފައިވާ ވާހަކަތަކުން ވެސް އެކަމުގައި އިހުމާލުވާކަން އެނގޭ ކަމަށެވެ.
ރާއްޖޭގެ މީހުން ދިރިއުޅޭ އެކި ސަރަހައްއްދުތަކުގައި ސިއްހީ ހިދުމަތް ފުރިހަމަ ގޮތުގައި އަދި ވެސް ލިބެން ނެތްކަން ފާހަގަކޮށް ޑިމޮކްރެޓްސްގެ ބަޔާނުގައި ބުނެފައިވަނީ ބަލިހާލަތު ބޮޑުވުމުން މާލެ ގެނައުން ލާޒިމުވެފައިވާކަން އަބަދުވެސް އިނގޭއިރު، ބަލިމީހުން އިމެޖެންސީކޮށް އުފުލޭނެ އިންތިޒާމަކީ އެންމެ ޔަގީންކަމާ އެކު ހަމަޖެހިފައި އޮންނަން ޖެހޭނެ ނިޒާމު ކަމަށެވެ.
"އަދި އެންމެ ފަހުން މި ހިނގި ހިތާމަވެރި ހާދިސާއިން އިނގެނީ އެކަން އެހާ އިތުބާރާ އެކު ހަމަޖެހިފައި ނެތްކަމެވެ. އަދި މި ފަހަރު މި ދިމާވި ހާދިސާގައި އިހުމާލުތަކެއް ވާކަން މިހާތަނަށް ސަރުކާރުން ހާމަކުރެއްވި މައުލޫމާތުން އިނގޭތީ، އެކަމުގެ ފުރިހަމަށް ތަހުގީގެއް ހިންގަވައި، އެކަމުގައި އިހުމާލުވި ފަރާތްތައް ޖަވާބުދާރީ ކުރުވުމަށް މި ޕާޓީން ގޮވާލަމެވެ." ޑިމޮކްރެޓްސްގެ ބަޔާނުގައި ބުނެފައިވެއެވެ.
މިފަދަ ހިތާމަވެރި ހާދިސާއެއް ތަކުރާރު ނުވާނެކަން ކަށަވަރު ކުރުމަށްޓަކައި ކަމާ ގުޅުންހުރި އެންމެހާ އިދާރާތަކުގެ ޕްރޮސީޖާތަކާއި، ޕޮލިސީތަކާއި އަދި ގަވާއިދުތަކަށް ގެންނަންޖެހޭ ބަދަލުތައް މިހާރުން މިހާރަށް ގެނައުމަށްވެސް ޑިމޮކްރެޓްސްއިން ގޮވާލާފައިވެއެވެ.
ހާލު ދެރަވެގެން މާލެ ނުގެނެވި ލަސްވި ކުޑަ ކުއްޖާ ނިޔާވި މައްސަލަ ވަނީ މަޖިލީހަށްވެސް ހުށަހަޅާފައެވެ.