Last Updated: July 17, 11:13
Friday, July 17, 2026
ދުނިޔެ

ގާޒާގެ ޝަހީދުންގެ އަދަދު 25،000 އަށް

އިޒްރޭލުން ދެމުންދާ ހަމަލާތަކުގައި ފަލަސްތީނުގެ ގާޒާ އިން ޝަހީދުވި މީހުންގެ އަދަދު 25،000 އިން މައްޗަށް އަރައިފި އެވެ.

ގާޒާގެ ހެލްތު މިނިސްޓްރީން ބުނީ އިޒްރޭލުން ދެމުންދާ ހަމަލާތަކުގައި މިހާތަނަށް ގާޒާ އިން 25،105 މީހަކު ޝަހީދުވެފައިވާއިރު 62،681 މީހަކަށް އެކި ވަރުގެ އަނިޔާތައް ލިބިފައިވާ ކަމަށެވެ.

އިޒްރޭލުން ހުއްޓުމެއް ނެތި ގާޒާ އަށް ހަމަލާތައް ދެމުން އަންނައިރު ފާއިތުވި 24 ގަޑިއިރުތެރޭ ދިން ހަމަލާތަކުގައި 178 މީހަކު ޝަހީދުވެފައިވާ ކަމަށް ގާޒާގެ ހެލްތު މިނިސްޓްރީން ބުނެ އެވެ.

އިޒްރޭލުން ފަލަސްތީނަށް ހަމަލާދޭން ފެށީ މިދިޔަ އޮކްޓޫބަރު މަހުގެ 7 ވަނަ ދުވަހު ކަމަށްވާއިރު މިހާތަނަށް އިޒްރޭލަށް މި ހަނގުރާމައިގައި މާބޮޑު ކުރިއެރުމެއް ލިބިފައެއް ނުވެ އެވެ. މިކަމާ ގުޅިގެން އިޒްރޭލުގެ ކެބިނެޓުގައި ބައިބައިވުން އުފެދިފައިވާއިރު އެގައުމުގެ އިދިކޮޅު ފަރާތްތަކުން އަންނަނީ ވީހާވެސް އަވަހަކަށް އާންމު އިންތިހާބެއް ބޭއްވުމަށް ގޮވާލަމުންނެވެ.

ހަނގުރާމައިގެ ސަބަބުން ގާޒާގެ 85 ޕަސެންޓު މީހުން ގެދޮރު ދޫކޮށް ގޮސްފައިވާއިރު ގާޒާގެ ބައި މިލިއަނެއްހާ މީހުން ބަޑުހައިހޫނުކަން އަންނަނީ ތަހައްމަލު ކުރަމުންނެވެ. އަދި ވަގުތީ ހިޔާތަކުގައި ދިރިއުޅެމުންދާ މީހުންގެ މެދުގައި ނުރައްކާތެރި ބަލިތައް ފެތުރެމުންދާ މިންވަރު ބޮޑުތަނުން އިތުރުވެފައިވާ ކަމަށް އދ. އިން ބުނެ އެވެ.

ހަނގުރާމަ އަށް 100 އަށް ވުރެ ގިނަ ދުވަސް ވެފައިވާއިރު އިޒްރޭލުން އަންނަނީ ހަނގުރާމަ ހުއްޓާލާނީ ފަލަސްތީނުގެ މިނިވަން ކަމަށް މަސައްކަތް ކުރާ ހަމާސް ޖަމާއަތް ނެތިކޮށްލުމަށްފަހު ބުނެފަ އެވެ. ހަމާސްގެ ބެލުމުގެ ދަށުގައި މިވަގުތު އިޒްރޭލުން 100 އަށް ވުރެ ގިނަ މީހުން ތިބިއިރު އެ ޖަމާއަތުން ވަނީ އެމީހުން ދޫކޮށްލާނީ އިޒްރޭލުން ހަމަލާތައް އެއްކޮށް ހުއްޓާލުމަށް އެއްބަސްވުމުން ކަމަށް ބުނެފަ އެވެ.