Last Updated: July 22, 18:06
Thursday, July 23, 2026
މުނިފޫހިފިލުވުން

އަޖޭގެ "މައިދާން" ފިތުރު އީދަށް

ރިލީޒްކުރުން ވަރަށް ބޮޑަށް ދިގުލައިގެން ގޮސްފައިވާ އަޖޭ ދޭވްގަންގެ ކުޅިވަރު ފިލްމު "މައިދާން" މި އަހަރުގެ ފިތުރު އީދާ ދިމާކޮށް ރިލީޒްކުރަން ނިންމައިފި އެވެ.

ޕްރޮޑިއުސަރު ބޯނީ ކަޕޫރާއި ޒީ ސްޓޫޑިއޯސް ގުޅިގެން ގެނެސްދޭ މި ފިލްމު މިހާރު ތާވަލުކޮށްފައި ވަނީ އެޕްރީލަށެވެ. އެގޮތުން ފިތުރު އީދުގައި ރިލީޒްކުރަން ނިންމާފައިވާ އަކްޝޭ ކުމާރާއި ޓައިގާ ޝްރޮފްގެ "ބަޅޭ މިޔާ ޗޯޓޭ މިޔާ" އާ އެއް ދުވަހެއްގައި ފިލްމު ގެނެސްދޭން މިހާރު ވަނީ ނިންމައިފަ އެވެ.

"މައިދާން" އަށް މިހާތަނަށް އެކި ފަހަރު މަތިން ގިނަ ތާރީހުތައް އިއުލާންކޮށްފައިވެ އެވެ. މި ފިލްމަކީ އެންމެ ފުރަތަމަ 2020 ގައި ގެނެސްދޭން ޕްލޭންކުރި ފިލްމެކެވެ. އެކަމަކު ފިލްމު ލަސްވާން ދިމާވި އެންމެ ބޮޑު ސަބަބަކީ އެ އަހަރުގެ ކޮވިޑްގެ ވަބާއާ ކުރިމަތިވެ، ފިލްމުގެ މަސައްކަތްތަކަށް ބުރޫއެރުމެވެ.

މި އަހަރުގެ ފިތުރު އީދުގައި "މައިދާން" ގެނެސްދޭން ތާވަލުކުރި ފިލްމު ރިލީޒްކުރަން އެންމެ ފަހުން އިއުލާންކުރި ތާރީހަކީ މިދިޔަ އަހަރުގެ ޖޫން 23 އެވެ.

ދެހާސް އަށާރައިގެ ބޮޑު ހިޓް، "ބަދާއީ ހޯ" ގެނެސްދިން އަމިތު ޝަރުމާ ޑައިރެކްޓްކޮށްފައިވާ "މައިދާން" އަކީ އިންޑިއާގެ މި ޒަމާނުގެ ފުޓްބޯޅައިގެ ބައްޕަ ސައީދު އަބްދުލް ރަހީމްގެ ވާހަކަ ކިޔައިދޭ ބައޮގްރަފިކަލް ސްޕޯޓްސް ޑްރާމާއެކެވެ. މީގެ ކާސްޓްގައި ޕްރިޔަމަނީ، ގަޖްރާޖް ރާއޯ، އަރިއަން ބޯމިކް އަދި ރުދްރަނިލް ގޯޝް ފަދަ ފަންނާނުން ހިމެނެ އެވެ.

މި އަހަރު ރިލީޒްވާނެ އަޖޭގެ ފުރަތަމަ ފިލްމަކީ މާޗް 8 އަށް ތާވަލުކޮށްފައިވާ ސުޕަނެޗްރަލް ތުރިލާ "ޝައިތާން" އެވެ. އޭނގެ އިތުރު ފިލްމުތަކުގެ ތެރޭގައި "އޯރޯ މޭ ކަހާ ދަމްތާ" އަދި "ރެއިޑް 2" ހިމެނެ އެވެ.