Last Updated: July 17, 11:13
Friday, July 17, 2026
ދުނިޔެ

ބަންގްލަދޭޝް އިން "އިންޑިއާ އައުޓް" ގޮވަނީ

އަވައްޓެރި އިންޑިއާއާ ދެކޮޅަށް ބަންގްލަދޭޝް އިން "އިންޑިއާ އައުޓް" ގެ ނަމުގައި ކެމްޕޭނެއް ފަށައިފި އެވެ.

މީޑިއާތަކުން ބުނީ މި ކެމްޕޭން ކުރިއަށް ގެންދަނީ އެ ގައުމުގެ އެންމެ ބޮޑު އިދިކޮޅު ޕާޓީ، ބަންގްލަދޭޝް ނެޝަނަލް ޕާޓީ (ބީއެންޕީ) އިން ކަމަށެވެ. އެ ޕާޓީ އަކީ ދާދި ފަހުން ބަންގްލަދޭޝްގައި ބޭއްވި އާންމު އިންތިހާބު ވެސް ބޮއިކޮޓްކޮށް، ބޮޑުވަޒީރު ޝެއިހް ހަސީނާއާ ދެކޮޅަށް މުޒާހަރާތަކެއް ވެސް ކުރި ޕާޓީ އެވެ.

"އިންޑިއާ އައުޓް" ގެ ނަމުގައި ބީއެންޕީން ބަންގްލަދޭޝްގައި ކެމްޕޭނެއް ފެށީ ބަންގްލަދޭޝްގެ ސަރުކާރަށް މިހާރު ވަރަށް ބޮޑަށް އިންޑިއާގެ ނުފޫޒު ވަންނަމުންދާ ކަމަށް ބުނެ އެވެ. އެގޮތުން ސަރުކާރުގެ އިސް މަގާމުތަކުގައި މިހާރު އިންޑިއާ އަށް ވަރަށް ބޮޑަށް ތާއީދުކުރާ މީހުން ގިނަވެ، އޭގެ ނޭދެވޭ އަސަރު ކުރަމުން އަންނަ ކަމަށް ބުނެފައިވެ އެވެ.

އެހެންވެ ކެމްޕޭންގެ ދަށުން ސޯޝަލް މީޑިއާގައި އަންނަނީ އިންޑިއާއާ ދެކޮޅަށް ތަފާތު ސްލޯގަންތައް ވެސް ބޭނުން ކުރަމުންނެވެ. އޭގެ ތެރޭގައިި "އިންޑިއާ އަކީ ބަންގްލަދޭޝްގެ މިތުރެއް ނޫން" އަދި "އިންޑިއާ ދަނީ ބަންގްލަދޭޝް ހަލާކު ކުރަމުން" ފަދަ ސްލޯގަންތައް ހިމެނެ އެވެ.

މީގެ އިތުރުން އިންޑިއާގެ އުފެއްދުތައް ބަންގްލަދޭޝްގައި ބޮއިކޮޓްކުރަން ވެސް އަންނަނީ ގޮވަމުންނެވެ.

"އިންޑިއާ އައުޓް" ކެމްޕޭނާ ގުޅިގެން އިންޑިއާގެ މީޑިއާތަކުން މިހާރު ދަނީ މިކަމަށް ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ. އެގޮތުން މި ކެމްޕޭންގައި އިސްކޮށް ހުންނެވީ ޓެރަރިޒަމްގެ ކުށް ސާބިތުވެފައި ވަނިކޮށް ގައުމުން ބޭރަށް އަމިއްލަ އަރުވާލެވިގެން ހުންނެވި ބީއެންޕީގެ އެކްޓިން ޗެއާމަން ތާރިގް ރަހްމާން ކަމަށް އިންޑިއާ އިން ބުނެ އެވެ.

ބަންގްލަދޭޝްގެ "އިންޑިއާ އައުޓް" ގެ ވާހަކައާ އެކީ ރާއްޖޭގައި ވެސް ހަމަ އެ ނަމުގައި ކެމްޕޭނެއް ހިންގާފައިވާ ކަމަށް އިންޑިއާގެ މީޑިއާތަކުން ފާހަގަކޮށްފައިވެ އެވެ. އަދި ކެމްޕޭންގައި އެންމެ އިސްކޮށް ހުންނެވި އެކަކީ މިހާރު ރާއްޖޭގެ ރައީސްގެ މަގާމުގައި ހުންނެވި ޑރ. މުހައްމަޒު މުއިއްޒު ކަމަށާއި އެ މަނިކުފާނަކީ "ޕްރޯ-ޗައިނާ" ލީޑަރެއްގެ ގޮތުގައި ސިފަކޮށްފައިވެ އެވެ.

މިހާރު ވެރިކަންކުރާ ޕީއެންސީ/ޕީޕީއެމް ކޯލިޝަނުން ރާއްޖޭގައި "އިންޑިއާ އައުޓް" ގެ ނަމުގައި ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި، ކެމްޕޭނެއް ހިންގީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ފޮނުވައިލަން ގޮވާލަ އެވެ. އެގޮތުން މުއިއްޒު މިދިޔަ އަހަރުގެ އިންތިހާބު ކާމިޔާބުކުރެއްވުމާ އެކީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ފޮނުވައިލަން ވަނީ ނިންމައިފަ އެވެ. އަދި މިކަމާ ގުޅޭ މަޝްވަރާތައް ދެ ގައުމުގެ މެދުގައި އަންނަނީ ކުރަމުންނެވެ.