Last Updated: May 1, 20:45
Wednesday, May 1, 2024
ކުޅިވަރު

ލިވަޕޫލަށް އެއް ވަނައިގައި ފަސް ޕޮއިންޓުގެ ލީޑެއް

ލިވަޕޫލަށް ދެ ގޯލު ކާމިޔާބުކޮށްދިން ޑާވިން ނުނޭޒް

ބޯންމަތް 5-0 އިން ބަލިކޮށް އިނގިރޭސި ޕްރިމިއާ ލީގުގެ އެއްވަނައިގައި ލިވަޕޫލުން ފަސް ޕޮއިންޓުގެ ލީޑެއް ނަގައިފި އެވެ.

ލިވަޕޫލް އެއްވަނައިގައި އޮތީ 21 މެޗުން ލިބުނު 48 ޕޮއިންޓާ އެކު އެވެ. ދެވަނައިގައި 20 މެޗުން ލިބުނު 43 ޕޮއިންޓާ އެކު މެންޗެސްޓާ ސިޓީ އޮތްއިރު ތިންވަނައިގައި އޮތް އާސެނަލަށް ވެސް 21 މެޗު ކުޅެގެން ލިބިފައިވަނީ 43 ޕޮއިންޓެވެ. ސިޓީ އަށް ކުރި ލިބެނީ ގޯލުގެ ތަފާތުންނެވެ.

ބޯންމަތްގެ ދަނޑުގައި ކުޅުނު މި މެޗުގެ ފުރަތަމަ ހާފުގައި ގޯލެއް ފެނިގެން ގޮސްފައި ނުވާއިރު، ދެވަނަ ހާފު ފެށިގެން ހަތަރު މިނެޓްފަހުން ޑާވިން ނުނޭޒް ވަނީ ލިވަޕޫލަށް ލީޑު ނަގައިދީފަ އެވެ. މެޗުގެ 70 ވަނަ މިނެޓްގައި ލިވަޕޫލްގެ ދެވަނަ ގޯލު ޑިއޯގޯ ޖޯޓާ ކާމިޔާބުކޮށްދިން އިރު އޭގެ 9 މިނެޓްފަހުން ލިވަޕޫލްގެ ތިންވަނަ ގޯލު ވެސް ކާމިޔާބުކޮށްދިނީ ޖޯޓާ އެވެ. އަދި ލިވަޕޫލްގެ ހަތަރުވަނަ ގޯލު މެޗުގެ ފަހު ވަގުތުކޮޅުތެރޭ ކާމިޔާބުކޮށްދިނީ ނުނޭޒް އެވެ.

މި މެޗުގައި ލިވަޕޫލްގެ އުރުގުއޭ ފޯވާޑް ނުނޭޒް ޖެހި ދެ ގޯލާއެކު އޭނާގެ ކެރިއަރުގައި ޖެހި ގޯލުގެ އަދަދު ވަނީ 101 އަށް އަރާފަ އެވެ. އޭގެތެރެއިން 25 ގޯލު ނުނޭޒް ކާމިޔާބުކޮށްދިނީ ލިވަޕޫލަށެވެ. އަދި ބެންފީކާ އަށް 48 ގޯލު، އަލްމެރިއާ އަށް 16 ގޯލު އަދި ޕެނަރޯލަށް ހަތަރު ގޯލު ނުނޭޒް ކާމިޔާބުކޮށްދީފަ އެވެ. ނުނޭޒް ވަނީ އުރުގުއޭގެ ގައުމީ ޓީމަށް 8 ގޯލު މިހާތަނަށް ކާމިޔާބުކޮށްދީފަ އެވެ.

ލީގުގައި ލިވަޕޫލުން ދެން ބައްދަލުކުރާނީ ޗެލްސީއާ އެވެ.