Last Updated: May 1, 20:45
Wednesday, May 1, 2024
ކުޅިވަރު

ފުލުގައި އޮތް އަލްމޭރިއާ އަތުން ރެއާލަށް އުނދަގޫ މޮޅެއް

ސްޕެނިޝް ލީގުގެ ފުލުގައި އޮތް އަލްމޭރިއާ އަތުން ރެއާލް މެޑްރިޑުން 3-2 އިން އުނދަގޫ މޮޅެއް ހޯދައިފި އެވެ.

މި މޮޅާއެކު 20 މެޗު ކުޅެގެން ލިބުނު 51 ޕޮއިންޓާ އެކު ރެއާލް އޮތީ ލީގުގެ ދެވަނައިގަ އެވެ. އެއްވަނައިގައި 21 މެޗުން 52 ޕޮއިންޓް ހޯދައިގެން އޮތީ ޖިރޯނާ އެވެ.

ރެއާލްގެ ދަނޑުގައި ކުޅުނު ފޯރިގަދަ މި މެޗުގެ 38 ވަނަ ސިކުންތުގެ ތެރޭގައި ރަމަޒާނީ ވަނީ އަލްމޭރިއާ އަށް ލީޑު ނަގައިދީފަ އެވެ. އަދި ފުރަތަމަ ހާފް ނިމެން ދެ މިނެޓަށް ވެފައިވަނިކޮށް އެޑްގާ ގޮންޒާލޭޒް ވަނީ ހިތްގައިމު ގޯލެއް ކާމިޔާބުކޮށްދިނީ އަލްމޭރިއާގެ ދެވަނަ ގޯލު ކާމިޔާބުކޮށްދީ ރެއާލް ސިއްސުވާލާފަ އެވެ.

އަލްމޭރިއާ އިން ދެ ގޯލުގެ ލީޑަކާއެކު ފުރަތަމަ ހާފު ނިންމާލިއިރު، މެޗުގެ 57 ވަނަ މިނެޓްގައި ލިބުނު ޕެނަލްޓީއަކުން ޖޫޑް ބެލިންހަމް ވަނީ ރެއާލްގެ ފުރަތަމަ ގޯލު ކާމިޔާބުކޮށްދީފަ އެވެ. އަދި މެޗުގެ 67 ވަނަ މިނެޓްގައި ވިނީޝަސް ޖޫނިއާ ރެއާލްގެ ދެވަނަ ގޯލު ކާމިޔާބުކޮށްދިންއިރު، އޭނާ މި ގޯލު ކާމިޔާބު ކުރީ އަތުން ބޯޅައިގައި ޖަހައިގެން ކަމަށް ބުނެ އަލްމޭރިއާ ކުޅުންތެރިން ވަރަށް ބޮޑަށް މައްސަލަ ޖެއްސި އެވެ. އެއީ ގޯލެއް ނޫން ކަމަށް ރެފްރީ ފުރަތަމަ ނިންމި ނަމަވެސް ވީއޭއާރް ބެލުމަށްފަހު ރެފްރީ ވަނީ ފަހުން ގޯލު ދީފަ އެވެ.

މި މެޗުގެ އިތުރު ވަގުތުގެ ގޮތުގައި 11 މިނެޓް ދެއްކިއިރު، ރެއާލް މެޗުން މޮޅުވީ އިތުރު ވަގުތުގެ 9 ވަނަ މިނެޓްގައި ޑެނީ ކަވަހާލް ކާމިޔާބުކުރި ގޯލުންނެވެ. މި މެޗުގައި ރެފްރީ ނިންމި ނިންމުންތަކާ ދެކޮޅު ހެދުމުން އަލްމެރީއާގެ ކޯޗު ގައިޒްކާ ގަރިޓާނޯ އަށް ވަނީ ރަތްކާޑު ވެސް ދައްކާފަ އެވެ.

ސްޕެނިޝް ލީގުގެ އެއްވަނައިގައި އޮތް ޖިރޯނާ އިން ރޭ ވަނީ ސެވިއްޔާ 5-1 އިން ބަލިކޮށްފަ އެވެ. ލީގުގެ ތިންވަނައިގައި އޮތް ބާސެލޯނާ އިން ވަނީ ރަށުން ބޭރުގައި ކުޅެ 4-2 އިން ރެއާލް ބެޓިސްގެ މައްޗަށް ކުރި ހޯދާފަ އެވެ.