Last Updated: June 12, 17:57
Friday, June 12, 2026
ޚަބަރު

ސްކޫލްތަކުގެ އެސެމްބްލީ ބާއްވާ ގޮތް މުރާޖާ ކުރަނީ

ފޭދޫ ސްކޫލްގެ ދަރިވަރުންތަކެއް. ފޮޓޯ/ ފޭދޫ ސްކޫލް

ސްކޫލުތަކުގައި އެސެމްބްލީ ބާއްވާ ގޮތް މުރާޖާކޮށް، ދީނާއި ގައުމިއްޔަތާއި ސަގާފަތަށް އިސްކަންދޭނެ އުސޫލުތަކެއް ކަނޑައަޅަން ނިންމައިފި އެވެ.

އެގޮތަށް ނިންމީ އިއްޔެ ކެބިނެޓް ބައްދަލުވުމުގަ އެވެ.

ރައީސް އޮފީހުގެ ޕަބްލިކް ޕޮލިސީ ސެކްރެޓަރީ އަބްދުﷲ ނާޒިމް ވިދާޅުވީ އިއްޔެ ވިދާޅުވީ، އިސްލާމް ދީނާއި ގައުމިއްޔަތާއި ރާއްޖޭގެ ތާރީހާއި ސަގާފަތަށް ހާއްސަ ސަމާލުކަމެއް ދެވޭ ގޮތަށް ސްކޫލުތަކުގެ ހަރަކާތްތައް ރާވައި ހިންގާނެ އުަޫލުތަކެއް އެކުލަވާލަން ސޯޝަލް ކައުންސިލުން ނިންމާފައިވާ ކަމަށެވެ.

އެގޮތުން މި މަހުގެ 7 ގައި ދެވަނަ ޓާމްގެ ކިޔެވުން ކުރިއަށް ގެންދަނީ ގައުމީ ސަލާމުން ފަށާ އެސެމްބްލީންކަން ފާހަގަކުރައްވައި ނާޒިމު ވިދާޅުވީ ސްކޫލުތަކުގެ އެސެމްބްލީ މިހާރު ކުރިއަށް ގެންދާ ގޮތް މުރާޖާކޮށް، ދީނާއި ގައުމިއްޔަތާއި ސަގާފަތަށް އިސްކަން ދެވޭނެ ގޮތަށް އެސެމްބްލީތައް ފަރުމާކޮށް، ބައްޓަން ކުރަން ނިންމާފައިވާ ކަމަށެވެ.

އެގޮތުން ގައުމީ ފެންވަރުގައި ފާހަގަކުރާ ހާއްސަ ދުވަސްތަކާއި ދީނާއި ގައުމިއްޔަތާއި ސަގާފަތާއި ތާރީހަށް އިސްކަން ދީގެން، ތާވަލުތަކެއް އެކުލަވާލައިގެން އިންތިޒާމު ކުރުމާއި، ދިވެހި ބަހަށް ސްކޫލުތަކުގައި އިސްކަން ދިނުމަށް އަމަލީ ގޮތުން ހަރަކާތްތަކެއް ކުރިއަށް ގެންދަން ނިންމާފައިވެ އެވެ. އަދި އިސްލާމީ މިނިސްޓްރީއާ ގުޅިގެން ސްކޫލުތަކުގެ ދަރިވަރުންނަށް ދަރުސް ދޭން ވެސް އެ ނިންމުންތަކުހެ ތެރޭގައި ހިމެނެ އެވެ.

ގައުމިއްޔަތު ދިރުވައި އާލާކޮށް ގައުމު ދެކެ ލޯބިވާ ޖީލުތަކެއް ބިނާކުރުމަށްޓަކައި މިހާރު އަންނަނީ ގައުމިއްޔަތުގެ ނަމުގައި މާއްދާއެއް ތައާރަފުކުރުމަށް ތައްޔާރުވަމުންނެވެ.