ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ ވަގުތީ ލިސްޓަށް 700 އަށްވުރެއް ގިނަ ޝަކުވާ ހުށަހަޅައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ވޯޓުދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ލިސްޓަށް ޝަކުވާ ބަލައިގަތުމުގެ ސުންގަޑި ހަމަވެފައިވަނީ އިއްޔެގެ ނިޔަލަށެވެ.
އިލެކްޝަނަސް ކޮމިޝަނުން ބުނެފައިވަނީ އެ ކޮމިޝަނަށް ޖުމުލަ 746 ޝަކުވާއެއް ލިބިފައިވާ ކަމަށެވެ. ހުށަހަޅާފައިވާ ޝަކުވާތަކުގެ ތެރެއިން 225 ޝަކުވާ އަކީ މަރުވެފައިވާ މީހުން ލިސްޓުގައި އޮތުމުން ހުށަހަޅާފައިވާ ޝަކުވާއެވެ. 450 ޝަކުވާ އެޑްރެސް ބަދަލުވުމާ ގުޅިގެން ހުށަހަޅާފައިވާއިރު ދާއިރާ ބަދަލުވެގެން 40 ޝަކުވާ ހުށަހަޅާފައިވެއެވެ.
މަޖިލިސް އިންތިހާބު ބާއްވަން ނިންމާފައި ވަނީ މާޗް މަހުގެ 17 ގައެވެ. މިފަހަރުގެ އިންތިހާބުގައި 284،327 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެންވެއެވެ. މަޖިލީހުގެ 20 ވަނަ ދައުރަށް 93 މެންބަރަކު އިންތިހާބު ކުރާނެއެވެ.