މޯލްޑިވް ގޭސް ޕްރައިވެޓް ލިމިޓެޑްގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރ އަބްދުﷲ މައުމޫނު (ގޭސް މާނު)ގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި ޕްރޮސިކިއުޓަރ ޖެނަރަލްގެ އޮފީހަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން ފޮނުވައިފިއެވެ.
އޭސީސީން ބުނެފައިވަނީ މި މައްސަލަ އެ ކޮމިޝަނުން ތަހުގީގު ކޮށްފައިވަނީ އެ ކޮމިޝަނުގެ އަމިއްލަ އިސްނެގުމަށް ކަމަށެވެ.
މި މައްސަލާގައި މޯލްޑިވް ގޭސްގެ އެމްޑީގެ މަޤާމުގައި އަބްދުﷲ މައުމޫން ހުރި ދުވަސްވަރު އެކުންފުންޏަށް ބޭނުންވާ ކައްކާ ގޭސް (އެލްޕީޖީ) ބޭރުގެ ކުންފުންޏަކުން ހޯދުމުގެ މުއާމަލާތުގެ ތެރޭގައި ރިޝްވަތުގެ ގޮތުގައި ޖުމްލަ 3,106,189.38 ނަގާފައިވާކަން ތަހްޤީޤަށް ހޯދާފައިވާ ކަމަށް އޭސީސީން މައުލޫމާތުދެއެވެ. އަދި އެ ފައިސާ އޭނާއާ ގުޅުން އޮންނަކަމަށް ތުހުމަތު ކުރެވޭ އަދި އޭނާގެ އާއިލީ ބައެއް ފަރާތްތަކާއި ގުޅުން އޮންނަކަމަށް ތުހުމަތުކުރެވޭ ބައެއް ކުންފުނިތަކަށް ޖަމާކޮށްފައިވާ ކަމަށްވެސް އޭސީސީން ބުނެފައިވެއެވެ.
މި މައްސަލާގައި މައުމޫންގެ މައްޗަށް ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ޤާނޫނުގެ ދަށުން، ދައުލަތުން ކުރާ ކަމަކާ ގުޅިގެން ރިޝްވަތު ހިފުމުގެ ކުށުގެ ދައުވާ އާއި، މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދުމާއި ހޯދައިދިނުމުގެ ކުށުގެ ދައުވާ އާއި، ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގެ ދަށުން ކުށެއް ކުރަން އުޅުމުގެ ކުށުގެ ދައުވާ އާއި، ކުށެއް ކުރަން އެދުމުގެ ދައުވާ އާއި ކުށެއް ކުރުމަށް ރޭވުމުގެ ދައުވާ އާއި ރިޝްވަތު ގަބޫލުކުރުމުގެ ކުށުގެ ދައުވާ، އަދި ރަސްމީ ހައިސިއްޔަތުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކޮށްގެން މަންފާ ހޯދުމާއި ހޯދައިދިނުމުގެ ކުށުގެ ދައުވާ ހިމެނޭހެން ޖުމްލަ 7 ދައުވާއެއް ކުރުމަށް އެދިފައިވާ ކަމަށް އޭސީސީން މައުލޫމާތުދެއެވެ.
އަދި މި މައްސަލައިގައި ހިމެނޭ 3,106,189.38 އަންބުރާ ހޯދުމަށްވެސް އޭސީސީން ވަނީ ނިންމާފައެވެ.