Last Updated: June 12, 06:38
Friday, June 12, 2026
ޚަބަރު

ހުށަހެޅި އެންމެންނަށް ޕްރައިމަރީގައި ބައިވެރިވެވޭނެ

މައްސަލަ ހޫނުވެ، ޕީޕީއެމް-ޕީއެންސީގެ ފަރާތުން މަޖިލީހަށް ވާދަކުރަން ފޯމު ހުށަހެޅި އެންމެނަށް ބައިވެރިވެވޭގޮތަށް ޕްރައިމަރީ ބާއްވަން ނިންމައިފިއެވެ.

ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ޕީޕީއެމް – ޕީއެންސީގެ ޕްރައިމަރީގައި ވާދަކުރައްވަން ނަން ހުށަހެޅުއްވި ބައެއް ބޭފުޅުންނަށް ކުރިމަތި ނުލެވޭގޮތަށް ނިންމުމާ ގުޅިގެން ހުށަހެޅުނު ޝަކުވާތަކަށް ރިއާޔަތް ކުރެއްވުމަށްފަހު، ޕްރައިމަރީގައި ވާދަކުރަން ނަން ހުށަހެޅުއްވި ހުރިހައި ބޭފުޅުންނަށް ވާދަކުރެއްވޭގޮތަށް ޕްރައިމަރީ ބާއްވަން ޕީއެންސީގެ ރައީސް، ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވާފައިވާކަމަށެވެ.

ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ ސޮއިކޮށް ޕްރައިމަރީގައި ވާދަކުރާ ބައެއް ފަރާތްތަކަށް ފޮނުވި ސިޓީގައި ޕްރައިމަރީގައި ވާދަކުރަން ފުރުސަތު ދެވެން ނެތް ސަބަބުތައް ވަނީ ހާމަކޮށްފައެވެ. އެކަމާ ގުޅިގެން ގިނަ ބަޔަކު އަންނަނީ ނުރުން ފާޅުކުރަމުންނެވެ. އަދި ޕީއެންސީގެ އެފީސްތެރޭގައިވެސް ރޭ ބައެއް ފަރާތްތަކުންވަނީ އިހުތިޖާޖު ކޮށްފައެވެ. އަދި ބައެއް ރަށްރަށުގައި ޕީޕީއެމް ޕީއެންސީ އޮފީސް ދޮރު މައްޗަށް އެއްވެ ނުރުހުން ފާޅުކޮށް ހަދާފައިވެއެވެ.

ޕްރައިމަރީގައި ވާދަ ކުރުމުގެ ފުރުސަތު ނުދިނީ ކިތައް މެންބަރުންނަށް ކަމެއް ޕީއެންސީން ނުބުނެއެވެ. ޕްރައިމަރީ ބާއްވަން ހަމަޖެހިފައިވަނީ އަންނަ ހޮނިހިރު ދުވަހުއެވެ.