Last Updated: May 1, 18:05
Wednesday, May 1, 2024
ޚަބަރު

އެފްއޭއެމްގެ އިންތިހާބު ފީފާ އިން ހުއްޓުވައިފި

އެފްއޭއެމްގެ އިންތިހާބުގެ މަސައްކަތް ހުއްޓާލަން ފީފާ އާއި އޭއެފްސީން މިއަދު އަންގައިފި އެވެ.

އެފްއޭއެމްގެ އިންތިހާބު މި މަހުގެ 31 ގައި ބޭއްވުމަށް ދިޔައީ ތައްޔާރުވަމުންނެވެ.

ފީފާ އާއި އޭއެފްސީން މިގޮތަށް އެންގީ އެފްއޭއެމުގެ އިލެކްޓޯރަލް ކޮމިޓީގެ ސައްހަކަން ގެއްލިފައިވުމުންނާއި، އަސާސީ ގަވާއިދުގައިވާ ގޮތަށް އެޕީލްސް ކޮމިޓީ އެކުލަވާލާފައި ނެތުމުން އޭއެފްސީ އާއި ފީފާ އަށް ހުށަހެޅި މައްސަލައާ ގުޅިގެންނެވެ.

ފީފާއާއި އޭއެފްސީން މިއަދު އެފްއޭއެމަށް އަންގާފައިވަނީ އެފްއޭއެމްގެ އިންތިޚާބުގެ އިލެކްޓޯރަލް ޕްރޮސެސް ސައްހަ ނޫން ކަމާއި، މިހާރުގެ އިލެކްޓޯރަލް ޕްރޮސެސް ބަލައި ނުގަންނަ ކަމަށެވެ. އިލެކްޓޯރަލް ކޮމިޓީއާއި އިލެކްޓޯރަލް އެޕީލް ކޮމިޓީ ނަގަންޖެހޭނީ އެއް ކޮންގްރެސްއިން ކަމާއި، އިލެކްޓޯރަލް ކޯޑާ އެއްގޮތަށް އަމަލުކުރުމަށާއި އޭގެ ފަހުން އެފްއޭއެމްގެ އިންތިޚާބު އަލުން ހުޅުވާލުމަށް ވަނީ އަންގާފަ އެވެ. އަދި މިހާރު ކުރިއަށް ގެންދާ އިންތިހާބުގެ ހުރިހާ މަސައްކަތެއް ހުއްޓާލުމަށް ވެސް ވަނީ އަންގާފަ އެވެ.

އެފްއޭއެމް އިންތިހާބަށް ވާދަކުރަން ކެންޑިޑެސީ ހުށަހަޅާފައިވަނީ އެފްއޭއެމްގެ ކުރީގެ ރައީސް، އަހުމަދު ތޯރިގު (ޓޮމް) އާއި ކްލަބް އީގަލްސްގެ ވައިސް ޗެއާމަން، މުފާވިޒް ހާޝިމް (މުފާ) އެވެ. ނަމަވެސް އެފްއޭއެމްގެ އިލެކްޓޯރަލް ކޮމިޓީން ވަނީ ޓޮމްގެ ކެންޑިޑޭސީ ބާތިލުކޮށްފަ އެވެ. މިގޮތަށް ނިންމީ ޓޮމްއާ ވާދަކުރާ މުފާ އަށް ވެސް ކްލަބް ވެލެންސިއާއިން ތާއީދުކޮށް ސިޓީއެއް ދީފައިވާ މައްސަލާގަ އެވެ. އެއާއެކު ވެލެންސިއާގެ ތާއީދު އެއްވެސް ކެންޑިޑޭޓަކަށް ކަށަވަރުކުރެވިފައި ނުވާކަމަށް އެފްއޭއެމުގެ އިލެކްޓޯރަލް ކޮމިޓީން ވަނީ ނިންމާފަ އެވެ.

އެފްއޭއެމްގެ މިހާރުގެ ރައީސް، ބައްސާމް އަދީލް ޖަލީލް ވަނީ އިތުރު ދައުރަކަށް ކުރިމަތިނުލާން ނިންމާފަ އެވެ. ބައްސާމްއާ ދެކޮޅަށް ޖިނާއީ ތަހުގީގެއް މިހާރު އަންނަނީ ހިންގަމުންނެވެ. އެއީ އެފްއޭއެމް އަށް ލިބޭ ފައިސާ އަށް ހިޔާނާތްތެރިވި ކަމަށް ބުނާ މައްސަލަ އެވެ.