Last Updated: July 22, 18:06
Thursday, July 23, 2026
މުނިފޫހިފިލުވުން

ސައިފް ހޮސްޕިޓަލްގައި އެޑްމިޓްކޮށްފި ވާތު އުޅަބޮށީގެ

ކަކުލުގެ ބޮޑު އޮޕަރޭޝަނަކަށް އިންޑިއާގެ މަޝްހޫރު ފިލްމީ ތަރި ސައިފް އަލީ ޚާން ހޮސްޕިޓަލްގައި އެޑްމިޓްކޮށްފި އެވެ.

މީޑިއާތަކުން ބުނީ އޭނަ މިއަދު އެޑްމިޓްކުރީ މުމްބާއީގެ ކޮކީލާބެން ހޮސްޕިޓަލްގައި ކަމަށެވެ. މިކަމާ ގުޅޭ ގޮތުން ސައިފްގެ ފަރާތުން ނެރުނު ބަޔާނެއްގައި ބުނީ ވާތު އުޅަބޮށީގެ އޮޕަރޭޝަނަކީ ކޮންމެހެން ކުރަން ޖެހިފައިވާ އޮޕަރޭޝަނެއް ކަމަށެވެ. ނަމަވެސް އޭނަގެ ސިއްހީ ހާލަތާ މެދު ކަންބޮޑުވާން ޖެހޭ ވަރުގެ އެއްވެސް ކަމެއް ނެތް ކަމަށެވެ.

"އުފާކުރަން ތަޖުރިބާކާރު ޑޮކްޓަރުންގެ ޓީމެއް އަހަރެންގެ އޮޕަރޭޝަންގައި ހިއްސާވާތީ. އެހެންވީމަ ކަންބޮޑުވާ ވަރުގެ ކަމެއް ނެތް،" އޮޕަރޭޝަނާ ގުޅޭ އިތުރު ތަފުސީލެއް ނުދީ ސައިފް ބުންޏެވެ. "އަދި މިފަދަ ކޮންމެ ދަނޑިވަޅެއްގައި ފޭނުންގެ ފަރާތުން ލޯތްބާއި ހެޔޮދުއާ އަށް ޝުކުރު ވެސް އަދާކުރަން."

ކުރީގެ މަޝްހޫރު ބަތަލާ ޝަރުމީލާ ޓެގޯރްގެ ހަމައެކަނި ފިރިހެން ދަރިފުޅު ސައިފް، 53، އަކީ ބަތަލާ ކަރީނާ ކަޕޫރްގެ ފިރިމީހާ އެވެ.

ހަތަރު ކުދިންގެ ބައްޕަ ސައިފްގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ އަހަރުގެ "އާދިޕުރުޝް" އެވެ. އަދު އޭނަގެ ކުރިއަށް އޮތް ފިލްމަކީ އެޕްރީލް 5 ގައި ރިލީޒްކުރަން ހަމަޖެހިފައިވާ "ދެވާރާ" އެވެ.