Last Updated: May 1, 20:45
Wednesday, May 1, 2024
ކުޅިވަރު

ސަލާހުގެ އަނިޔާ ހީކުރި ވަރަށް ވުރެ ސީރިއަސް

ލިވަޕޫލްގެ މިސްރުގެ ފޯވާޑް މުހައްމަދު ސަލާހަށް ދާދިފަހުން ލިބުނު އަނިޔާ ހީކުރި ވަރަށް ވުރެ ގޯސްކަމަށް ލިވަޕޫލުން ބުނެފި އެވެ.

ސަލާހުގެ ފަޔަށް އަނިޔާވެފައިވަނީ މިހާރު ކުރިއަށްދާ އެފްރިކަން ކަޕް އޮފް ނޭޝަންސް މުބާރާތުގައި މިދިޔަ ބުރާސްފަތި ދުވަހު މިސްރާއި ގާނާ ބައްދަލުކޮށް 2-2 އިން އެއްވަރުވި މެޗުގަ އެވެ.

ލިވަޕޫލުން ބުނީ ސަލާހަށް ލިބުނު އަނިޔާ ހީކުރި ވަރަށް ވުރެ ގޯސް ކަމަށާއި އިތުރު ފަރުވާ އަށް މާދަމާގެ ވަގުތެއްގައި ސަލާހު އެނބުރި އިނގިރޭސިވިލާތަށް އަންނާނެ ކަމަށެވެ. އަދި އަމާޒަކީ ކްލަބާއި މިސްރަށް ވެސް ވީ އެންމެ އަވަހަކަށް ސަލާހަށް ކުޅެވޭނެ ގޮތް ހެދުން ކަމަށްވެސް ލިވަޕޫލުން ބުންޏެވެ.

އެފްރިކަން ކަޕް އޮފް ނޭޝަންސްގެ ދެވަނަ ބުރަށް މިސްރު ރޭ ދަތުރުކުރިއިރު، މި މުބާރާތުން ސަލާހު ދެން މިފަހަރު ފެނުމަކީ ދުރު ކަމެއް ކަމަށް ރިޕޯޓުތައް ބުނެ އެވެ.

މި ސީޒަނުގައި މޮޅު ކުޅުމެއް ޕްރިމިއާ ލީގުގެ އެއްވަނައިގައި އޮތް ލިވަޕޫލްގައި ސަލާހު އަންނަނީ ދައްކަމުންނެވެ. އެގޮތުން ލީގުގައި ކުޅުނު 20 މެޗުގައި ސަލާހު ވަނީ 14 ގޯލު ކާމިޔާބުކޮށްފަ އެވެ.