ފަލަސްތީނުގެ މިނިވަން ކަމަށް މަސައްކަތް ކުރާ ހަމާސް ޖަމާއަތުން އިޒްރޭލާއި ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގައި މިހާތަނަށް އިޒްރޭލުގެ 200 ސިފައިން މަރާލައިފި އެވެ.
އިޒްރޭލުގެ އަސްކަރިއްޔާ އިން ބުނީ މިދިޔަ އޮކްޓޫބަރު މަހުގެ 27 އިން ފެށިގެން މިހާތަނަށް އިޒްރޭލުގެ 200 ސިފައިން ފަލަސްތީނުގެ ގާޒާ އިން މަރުވެފައިވާ ކަމަށެވެ.
ގާޒާގެ ދެކުނުގެ ސަރަހައްދެއްގައި އިއްޔެ ހަމާސްގެ ހަނގުރާމަވެރިންނާ ދެމެދު ހިނގި ކުރިމަތިލުމެއްގައި ވެސް އިޒްރޭލު ސިފައިންގެ ތިން މީހަކު މަރުވެފައިވާ ކަމަށް އެގައުމުން އަސްކަރިއްޔާ އިން ބުނެ އެވެ.
އިޒްރޭލުން ހުއްޓުމެއް ނެތި ގާޒާ އަށް ހަމަލާތައް ދެމުން އަންނައިރު މިހާތަނަށް ގާޒާ އިން ވަނީ 25،000 އަށް ވުރެ ގިނަ މީހުން ޝަހީދުވެފަ އެވެ.
އިޒްރޭލުން ފަލަސްތީނަށް ހަމަލާދޭން ފެށީ މިދިޔަ އޮކްޓޫބަރު މަހުގެ 7 ވަނަ ދުވަހު ކަމަށްވާއިރު މިހާތަނަށް އިޒްރޭލަށް މި ހަނގުރާމައިގައި މާބޮޑު ކުރިއެރުމެއް ލިބިފައެއް ނުވެ އެވެ. މިކަމާ ގުޅިގެން އިޒްރޭލުގެ ކެބިނެޓުގައި ބައިބައިވުން އުފެދިފައިވާއިރު އެގައުމުގެ އިދިކޮޅު ފަރާތްތަކުން އަންނަނީ ވީހާވެސް އަވަހަކަށް އާންމު އިންތިހާބެއް ބޭއްވުމަށް ގޮވާލަމުންނެވެ.
ހަނގުރާމައިގެ ސަބަބުން ގާޒާގެ 85 ޕަސެންޓު މީހުން ގެދޮރު ދޫކޮށް ގޮސްފައިވާއިރު ގާޒާގެ ބައި މިލިއަނެއްހާ މީހުން ބަޑުހައިހޫނުކަން އަންނަނީ ތަހައްމަލު ކުރަމުންނެވެ. އަދި ވަގުތީ ހިޔާތަކުގައި ދިރިއުޅެމުންދާ މީހުންގެ މެދުގައި ނުރައްކާތެރި ބަލިތައް ފެތުރެމުންދާ މިންވަރު ބޮޑުތަނުން އިތުރުވެފައިވާ ކަމަށް އދ. އިން ބުނެ އެވެ.
ހަނގުރާމަ އަށް 100 އަށް ވުރެ ގިނަ ދުވަސް ވެފައިވާއިރު އިޒްރޭލުން އަންނަނީ ހަނގުރާމަ ހުއްޓާލާނީ ފަލަސްތީނުގެ މިނިވަން ކަމަށް މަސައްކަތް ކުރާ ހަމާސް ޖަމާއަތް ނެތިކޮށްލުމަށްފަހު ބުނެފަ އެވެ. ހަމާސްގެ ބެލުމުގެ ދަށުގައި މިވަގުތު އިޒްރޭލުން 100 އަށް ވުރެ ގިނަ މީހުން ތިބިއިރު އެ ޖަމާއަތުން ވަނީ އެމީހުން ދޫކޮށްލާނީ އިޒްރޭލުން ހަމަލާތައް އެއްކޮށް ހުއްޓާލުމަށް އެއްބަސްވުމުން ކަމަށް ބުނެފަ އެވެ.