ރާއްޖޭގެ އެކި ރަށްރަށުގައި ހުރި ރީތި މިސްކިތްތައްކުގެ ފޮޓޯ ކޮންމެ ހުކުރު ދުވަހެއްގައި އިސްލާމިކް މިނިސްޓްރީގެ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި ޕޯސްޓްކުރަން ގަސްތުކުރައްވާ ކަމަށް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު އާންމުކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ފޮޓޯތައް ފޮނުވަން އެދިވަޑައިގަންނަވާ ކަމަށާއި ފޮނުވާ ފޮޓޯތައް ސޯޝަލް މީޑިއާގައި ހިއްސާކުރާނީ ފޮނުވާ ފަރާތަށް ކްރެޑިޓް ވެސް ދީފައި ކަމަށެވެ.
ރާއްޖޭގައި ގިނަ އަދަދެއްގެ މިސްކިތްތައް އެބަހުއްޓެވެ. އެތައް ރަށެއްގައި އެތައް މިސްކިތެއް ބިނާކުރަމުން އަންނަ އިރު، މިސްކިތްތައް ބިނާކުރަން އެއްބަސްވުންތަކުގައި ސޮއި ވެސް ކޮށްފައި އެބަހުއްޓެވެ.
މި ފަހުން ރާއްޖޭގައި ޒަމާނީ ރީތި މިސްކިތްތައް އިތުރުވަމުން އަންނަ އިރު، ސަރުކާރާއި އަމިއްލަ އެކިއެކި ފަރާތްތަކުން ވެސް އަންނަނީ ރާއްޖޭގެ އެކި ހިސާބުތަކުގައި މިސްކިތްތައް ބިނާކުރަމުންނެވެ. ރާއްޖޭގެ ވަރަށް ގިނަ ރަށްރަށުގައި ވިޔަފާވެރިންނާއި ހެޔޮއެދޭ ފަރާތްތަކުން ބިނާކޮށްފައިވާ މިސްކިތްތައް ވަރަށް ގިނަ އެވެ.