Last Updated: June 12, 06:38
Friday, June 12, 2026
ޚަބަރު

މާލޭގައި އިންޖީނުލީ އުޅަނދު ދުއްވޭނެ އަދަދު ކަނޑައަޅަނީ

މާލޭ މޭޔަރު އާދަމް އާޒިމް- ފޮޓޯ: މާލެސިޓީ ކައުންސިލް

މާލޭގައި އިންޖީނުލީ އުޅަނދު ދުއްވޭނެ އަދަދު ހަ މަސްދުވަހުގެ ތެރޭގައި ކަނޑައަޅާނެ ކަމަށް މާލެސިޓީ މޭޔަރު އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.

މިއަދު ކުރިއަށްގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އާޒިމް ވިދާޅުވީ ޓްރާންސްޕޯޓު މިނިސްޓްރީއާ ގުޅިގެން މާލޭގައި ވެހިކަލް ދުއްވޭނެ އަދަދު ކަނޑައަޅަން ނިންމާފައިވާ ކަމަށެވެ. އެ އަދަދކީ ކަނޑައަޅަންޖެހޭ އަދަދެއް ކަމަށާއި ކުރިއަށްއޮތް ހަ މަސްދުވަހުގެ ތެރޭގައި އެކަން ކުރާނެ ކަމަށް ވިދާޅުވިއެވެ.

މޭޔަރ އާޒިމް ވިދާޅުވީ އެކަމުގައި ޓްރާންސްޕޯޓު މިނިސްޓްރީން ސިޓީ ކައުންސިލާ ގުޅިގެން މަސައްކަތް ކުރާނެ ކަމަށް މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވެފައިވާ ކަމަށެވެ.

މީގެއިތުރުން މާލޭގެ ޕާކިން މައްސަލައާ ގުޅޭގޮތުން ވާހަކަ ދައްކަމުން އާޒިމް ވިދާޅުވީ ހަައުސިން މިނިސްޓްރީއާ ގުޅިގެން ޕާކިންގެ މައްސަލަ ހައްލުކުރުމަށް މަސައްކަތްކުރައްވާނެ ކަމަށެވެ. މާލޭގެ ޕާކިން މައްސަލައަކީ އަވަސް އަދި ދާއިމީ ހައްލެއް ލިބެންޖެހޭ ކަމެއް ކަމަށްވެސް އާޒިމް ވިދާޅުވިއެވެ.

އާޒިމް ވިދާޅުވީ ޕާކިން ބިލްޑިން އެޅުމުގެ މަސައްކަތް ހައުސިން މިނިސްޓްރީން ކުރިއަށް ގެންދާނަމަ މަސައްކަތުގެ ޝެޑިއުލެއް ހިއްސާކުރުމަށް ދަންނަވާނެ ކަމަށެވެ. އަދި އެ މަސައްކަތްތައް އަވަސް ކުރަން މިނިސްޓްރީއާ މަޝްވަރާ ކުރައްވާނެ ކަމަށްވެސް ވިދާޅުވިއެވެ.