Last Updated: July 17, 11:13
Friday, July 17, 2026
ދުނިޔެ

މޮރިސަން ސިޔާސީ ދާއިރާއާ ދުރަށް

އޮސްޓްރޭލިއާގެ ކުރީގެ ބޮޑުވަޒީރު ސްކޮޓް މޮރިސަން ސިޔާސީ ދާއިރާ ދޫކޮށްލައްވަން ނިންމަވައިފި އެވެ.

އެ ގައުމުގެ 30 ވަނަ ބޮޑުވަޒީރުކަން ކުރެއްވި 55 އަހަރުގެ މޮރިސަން މިއަދު ސޯޝަލް މީޑިއާ ޕޯސްޓެއްގައި ވިދާޅުވީ އޭނަ މިހާރު ފުރުއްވަމުން ގެންދަވާ ގާނޫނު ހަދާ މަޖިލީހުގެ ގޮނޑި ވެސް އަންނަ މަހު ދޫކޮށްލަވަން ނިންމަވާފައިވާ ކަމަށެވެ. އަދި ސިޔާސީގެ މަސައްކަތްތަކުން އެއްކޮށް އެކަހެރިވެވަޑައިތުމަށް ފަހު، ދެން މަސައްކަތް ކުރައްވާނީ ޕްރައިވެޓް ސެކްޓާގައި ކަމަށް ވިދާޅުވި އެވެ.

"މި ވަގުތަކީ އަހަރެން ޕްރައިވެޓް ލައިފަށް އަންނަންވީ ވަގުތު. އެހެންވެ ނިންމައިފިން ސިޔާސީ ދާއިރާ ދޫކޮށްލަން." މޮރިސަން ވިދާޅުވި އެވެ.

އޭނަ ވިދާޅުވީ ސިޔާސީ މަސައްކަތްތަކާ ދުރުވެވަޑައިގަތް ނަމަވެސް އިންޑޯ-ޕެސިފިކް ސަރަހައްދުގެ ސަލާމަތާއި ރައްކާތެރި ކަމަށް ކުރެވޭ މަސައްކަތްތަކުގައި އޭޝިއާ އަށް ފޯކަސްކުރައްވައިގެން އެޑްވައިޒަރީ ދައުރެއް އަދާކުރައްވަމުން ގެންދަވާނެ ކަމަށެވެ. އެކަމަކު ދެން އެންމެ ބޮޑަށް އިސްކަން ދޭނީ އަމިއްލަ ކަންކަމަށް ކަމަށާއި އާއިލާ އަށް ވެސް ވަރަށް ގިނަ ވަގުތު ދެއްވަން ބޭނުންވެވަޑައިގަންނަވާ ކަމަށް ވިދާޅުވި އެވެ.

ލިބެރަލް ޕާޓީ އަށް ނިސްބަތްވެވަޑައިގަންނަވާ މިރިސަން އޮސްޓްރޭލިއާގެ ބޮޑުވަޒީރުކަން ކުރެއްވީ 2018-2022 އަށެވެ. އޭނަ ކުރިން މިނިސްޓަރުކަމާއި ސަރުކާރުގެ އެހެން ބައެއް އިސް މަގާމުތައް ވެސް ފުރުއްވާފައިވެ އެވެ.