Last Updated: July 22, 18:06
Thursday, July 23, 2026
މުނިފޫހިފިލުވުން

ރަންބީރް، އާލިއާ އަދި ވިކީ ބަންސާލީގެ ފިލްމަކަށް

ދެމަފިރިން ކަމަށްވާ ރަންބީރް ކަޕޫރާއި އާލިއާ ބަޓްގެ އިތުރުން ވިކީ ކޯޝަލް ހިމަނައިގެން ޑައިރެކްޓަރު ސަންޖޭ ލީލާ ބަންސާލީ ފިލްމެއް ހަދަން ތައްޔާރުވަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ޕިންކްވިލާ އިން ބުނީ ޒަމާނީ ލޯބީގެ ވާހަކައަކަށް ހަދަން ހަމަޖެހިފައި މި ފިލްމަށް ތައްޔާރީތައްވަމުން އަންނަ އިރު، ކާސްޓުންނާ އެކީ މަޝްވަރާތައް ވެސް ކުރިއަށްދާ ކަމަށެވެ. ބަންސާލީ މުޅިން ތަފާތު ފިލްމެއް ހަދަން އުޅޭކަމުގެ ވާހަކަ ދެކެވެން މި ފެށީ އޭނަ ކުރިން އިއުލާންކޮށްފައި އޮތް "ބައިޖޫ ބަވްރާ" އަށް ބަޖެޓް ހޯދުމުގެ ތާށިކަމާ ކުރިމަތިލާން ޖެހުމުން އޭގެ މަސައްކަތް މި ވަގުތަށް މަޑުޖައްސައިލަން ނިންމާފައިވާ ކަމަށް މި ހަފުތާގެ ކުރީކޮޅު މީޑިއާތަކުން ރިޕޯޓްކޮށްފައި ވަނިކޮށެވެ.

އާލިއާ އަކީ ބަންސާލީ އެންމެ ފަހުން ގެނެސްދިން 2022 ގެ "ގަންގޫބާއީ ކަތިއަވާޅީ" ގެ ބަތަލާ އެވެ. އަދި އޭނަގެ ފިރިމީހާ ރަންބީރް 2007 ގައި ބޮލީވުޑަށް ނުކުތީ ބަންސާލީގެ "ސާވަރިއާ" އިންނެވެ. އެކަމަކު އަދި މިހާތަނަށް ބަންސާލީއާ އެކީ ވިކީ މަސައްކަތެއް ނުކުރެ އެވެ.

އޭނަ އަކީ ރަންބީރްގެ ކުރީގެ ލޯބިވެރިޔާ ކެޓްރީނާ ކައިފްގެ ފިރިމީހާ އެވެ. އާލިއާ އާއި ރަންބީރް ވެސް ވިކީއާ އެކީ ކުރިން މަސައްކަތްކޮށްފައިވެ އެވެ. ވިކީއާ އެކީ އާލިއާ މަސައްކަތްކުރި ފިލްމަކީ 2018 ގެ "ރާޒީ" އެވެ. ރަންބީރާ އެކީ ވިކީ މަސައްކަތްކުރި މި ފިލްމަކީ އެ އަހަރުގެ "ސަންްޖޫ" އެވެ.

އެހެންވެ މި ތިން ތަރިން އެކީގައި ފިލްމަކުން ފެނުން ވާނީ ވަރަށް ވެސް ހާއްސަ ކަމަކަށެވެ. އަނެއްކޮޅުން އެ ތިން މީހުންނަކީ ވެސް މޮޅެތި އެކްޓަރުންނެވެ.