Last Updated: May 1, 20:45
Wednesday, May 1, 2024
ކުޅިވަރު

ޗެލްސީ ލީގު ކަޕްގެ ފައިނަލަށް

އިނގިރޭސި ލީގު ކަޕް ސެމީ ފައިނަލް ދެވަނަ ލެގުގައި ރޭ ޗެލްސީން 6-1 އިން މިޑިލްސްބަރާ އަތުން މޮޅުވެ ފައިނަލަށް ދަތުރުކޮށްފި އެވެ.

މި ދެ ޓީމު މިޑިލްސްބަރާގެ ދަނޑުގައި ބައްދަލުކުރި ފުރަތަމަ ލެގުގެ މެޗު 1-0 އިން ކާމިޔާބު ކުރީ މިޑިލްސްބަރާ އިންނެވެ. ޗެލްސީ ފައިނަލަށް ދަތުރުކުރީ 6-2 ގެ އެގްރިގޭޓް ނަތީޖާއަކުންނެވެ. މިއީ ލީގު ކަޕްގެ ފައިނަލަށް ޗެލްސީ ދަތުރުކުރި 10 ވަނަ ފަހަރެވެ.

ރޭގެ މެޗުގައި ފެނިގެންދިޔަ ފުރަތަމަ ގޯލު ޗެލްސީން ކާމިޔާބު ކުރީ 15 ވަނަ މިނެޓްގަ އެވެ. މި ގޯލަކީ މިޑިލްސްބަރާގެ ހޯސަން އަތުން ބައިކޮޅަށް ވަތް ގޯލެކެވެ. މެޗުގެ 29 ވަނަ މިނެޓްގައި އެންޒޯ ފެންނާޑޭޒް ޗެލްސީގެ ދެވަނަ ގޯލު ކާމިޔާބުކޮށްދިންއިރު، ޗެލްސީގެ ތިންވަނަ ގޯލު މެޗުގެ 36 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ އެކްސެސް ޑިސާސީ އެވެ. އަދި ފުރަތަމަ ހާފު ނިމުމުގެ ކުރިން ކޯލް ޕާމާ ވަނީ ޗެލްސީގެ ހަތަރުވަނަ ގޯލު ކާމިޔާބުކޮށްދީފަ އެވެ.

ޗެލްސީގެ ފަސްވަނަ ގޯލު މެޗުގެ 77 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ވެސް ޕާމާ ކަމަށްވާއިރު އެޓީމުގެ ފަހު ގޯލު މެޗުގެ 81 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ނޯނީ މަޑުއޭކޭ އެވެ. މިޑިލްސްބަރާގެ ހަމައެކަނި ގޯލު މެޗުގެ 88 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ރޮޖާސް އެވެ.

ލީގު ކަޕްގެ ފައިނަލްގައި ޗެލްސީ ބައްދަލުކުރާނީ ފުލަމް އާއި ލިވަޕޫލް ބައްދަލުކުރާ ސެމީފައިނަލް މެޗުން މޮޅުވާ ޓީމަކާ އެވެ. އެ ދެ ޓީމު ބައްދަލުކުރި ސެމީގެ ފުރަތަމަ ލެގުގެ މެޗު 2-1 އިން ކާމިޔާބު ކުރީ ލިވަޕޫލުންނެވެ.

މުބާރާތުގެ ފައިނަލް އޮންނާނީ އަންނަ މަހުގެ 25 ގަ އެވެ.