އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް ރިޕަބްލިކަން ޕާޓީގެ ރިޔާސީ ޓިކެޓް ލިބުމުގެ ފުރުސަތު ބޮޑުވެއްޖެ އެވެ.
އެންމެ ފަހުން އިއްޔެ ބޭއްވި ނިއު ހެމްޝަޔާގެ ޕްރައިމަރީ ވެސް އޭނަ ވަނީ ކާމިޔާބު ކުރައްވައިފަ އެވެ. އެއީ މިހާރު ރިޕަބްލިކަން ޕާޓީގެ ޓިކެޓަށް ވާދަކުރައްވާ ހަމައެކަނި އަނެއް ކެންޑީޑޭޓް ކަމަށްވާ ނިކީ ހޭލީއާ ވާދަކުރައްވަ އެވެ. އެކިއެކި ސްޓޭޓްތަކުގެ ޕްރައިމަރީން ޓްރަމްޕް ކުރި ހޯއްދަވަމުން ގެންދަވާ އިރު، އޭނަ އަށް ރިޔާސީ ޓިކެޓް ކަށަވަރުވުމުގެ ފުރުސަތު މިހާރު ވަރަށް ބޮޑު ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެ އެވެ.
ކުރިން އޮތް ތާއީދު މި ފަހުން ވަރަށް ބޮޑަށް ގެއްލިފައި އޮތް ނަމަވެސް، މި ފަހުން ނަގަމުން ހިޔާލު ހޯދުމުގެ ސާވޭތަކުން ދައްކާ ގޮތުގައި ޓްރަމްޕްގެ މަގުބޫލުކަން އަންނަނީ ބޮޑުވަމުންނެވެ. އަނެއްކޮޅުން ރިޕަބްލިކަން ޕާޓީގެ ޓިކެޓަށް ވާދަކުރެއްވި ބައެއް ބޭފުޅުން މި އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަނުކުރައްވަން ނިންމަވައި، ޓްރަމްޕަށް ތާއީދުކުރައްވަން ނިންމަވާފައިވެ އެވެ. އޭގެ ތެރޭގައި ރޮން ޑިސެންޓިސް އާއި ޓިމް ސްކޮޓްގެ އިތުރުން ވިވެކް ރާމަސުވާމީ ހިމެނިވަޑައިގަނެ އެވެ.
ޓްރަމްޕް އެމެރިކާގެ ރައީސްކަން ކުރެއްވީ 2016-2020 އަށެވެ. އުމުރުން 77 އަހަރުގެ ޓްރަމްޕަކީ އެމެރިކާގެ 45 ވަނަ ރައީސެބެ. އަދި އޭނަ ދެވަނަ ދައުރަކަށް ވެސް 2020 ގައި ވާދަ ކުރެއްވި އެވެ. ނަމަވެސް އިންތިހާބު ކާމިޔާބު ކުރެއްވީ ޖޯ ބައިޑެން އެވެ.
އޭނަ ވެސް އިތުރު ދައުރަކަށް ވާދަކުރައްވަން ނިންމަވާފައިވާ އިރު، ޑިމޮކްރެޓިކް ޕާޓީގެ ޓިކެޓް ލިބިވަޑައިގަންނަވާނެކަން އޮތީ ގާތްގަނޑަކަށް ކަށަވަރުވެފަ އެވެ.
އެމެރިކާގެ ރިޔާސީ އިންތިހާބު އޮންނާނީ ނޮވެމްބަރުގަ އެވެ.
ޓްރަމްޕަށް ރިޕަބްލިކަން ޕާޓީގެ ޓިކެޓް ލިބުމުގެ ފުރުސަތު ބޮޑު ނަމަވެސް އޭނަގެ މައްޗަށް ކޮށްފައިވާ އެކި ދައުވާތަކާ ހެދި އިންތިހާބުގައި ވާދަކުރެއްވިދާނެތޯ އަދިވެސް ސުވާލު މާކެއްގެ ތެރޭގަ އެވެ. އެކަމާ ސުޕްރީމް ކޯޓުން ގޮތެއް ނިންމަން ހަމަޖެހޮފައިވެ އެވެ.
ޓްރަމްޕަށް ކުރާ ދައުވާތަކުގެ ތެރޭގައި ކުރީގެ އިންތިހާބަށް ނުފޫޒު ފޯރުވުމުގެ އެކި މައްސަލަތަކާއި 2020 ގެ ބައްޔަށް ފަހު ގާނޫނު ހަދާ މަޖިލީހަށް މީހުން ފޮނުވައި ހަމަނުޖެހުން ހިންގި މައްސަލަ އާއި ދައުލަތުގެ ސިއްރުތައް އަމިއްލަ ބޭނުމަށް ނެގުމާއި ހަށިވިއްކާ އަންހެނަކަށް ފައިސާ ދީގެން އެ ވާހަކަ ދެއްކުން ހުއްޓުވުމަށް ކެމްޕޭން ފައިސާ ބޭނުންކުރުން ފަދަ މައްސަލަތައް ހިމެނެ އެވެ.