ބޮލީވުޑްގެ ކުޅަދާނަ ޑައިރެކްޓަރު ސަންޖޭ ލީލާ ބަންސާލީގެ އާ ފިލްމުގެ ނަމާއި އޭގެ ކާސްޓް މިއަދު ރަސްމީކޮށް އިއުލާންކޮށްފި އެވެ.
މީޑިއާތަކުން އިއްޔެ ރިޕޯޓްކުރި ގޮތަށް ޒަމާނީގެ ލޯބީގެ ވާހަކައަކަށް ހަދަން ނިންމާފައިވާ ފިލްމުގެ ލީޑް ތަރިންނަކީ ބަންސާލީގެ އެންމެ ފަހުގެ ފިލްމުގެ 2022 ގެ "ގަންގޫބާއީ ކަތިއަވާޅީ" ގެ ބަތަލާ އާލިއާ ބަޓާއި އޭނަގެ ފިރިމީހާ ރަންބީރް ކަޕޫރްގެ އިތުރުން ވިކީ ކޯޝަލެވެ.
އަންނަ އަހަރުގެ ޑިސެމްބަރުގެ ފަހުކޮޅު ބެލުންތެރިންނަށް ގެނެސްދޭން ނިންމި ފިލްމުގެ ނަމަކީ "ލަވް އެންޑް ވޯ" އެވެ.
މި ފިލްމު ވާނީ ބަންސާލީއާ އެކީ ވިކީ މަސައްކަތްކުރާ ފުރަތަމަ ފިލްމަށެވެ. އަދި އާލިއާ އާއި ރަންބީރާ އެކީ ކާމިޔާބު ޑައިރެކްޓަރު ހަދާ ދެވަނަ ފިލްމަށެވެ. ރަންބީރް ބޮލީވުޑަށް ނެރުނީ ބަންސާލީގެ 2007 ގެ "ސާވަރިއާ" އިންނެވެ. "ލަވް އެންޑް ވޯ" ވާނީ ރަންބީރާއި އާލިއާ އެކީގައި ކުޅޭ ދެވަނަ ފިލްމަށެވެ. އެ ދެމަފިރިން އެކީގައި ކުޅުނު ފުރަތަމަ ފިލްމަކީ 2022 ގެ "ބުރައްމަސްތުރާ" އެވެ.
"ލަވް އެންޑް ވޯ" މިއަދު އިއުލާންކުރި ނަމަވެސް މިއާ ބެހޭ އިތުރު މާ ބޮޑު ތަފުސީލެއް އަދި ހާމައެއްނުކުރެ އެވެ. ބަންސާލީ އަކީ ވަރަށް ރީތި ފިލްމުތަކެއް ގެނެސްދީފައިވާ ޑައިރެކްޓަރެކެވެ. އޭގެ ތެރޭގައި "ހަމް ދިލް ދޭ ޗުކޭ ސަނަމް"، "ދޭވްދާސް"، "ގުޒާރިޝް"، "ރާމް-ލީލާ"، "ބަޖިރާއޯ މަސްތާނީ" އަދި "ޕަދުމާވަތު" ހިމެނެ އެވެ.