Last Updated: May 3, 20:26
Friday, May 3, 2024
ޚަބަރު

ފުވައްމުލަކުގެ ކަރަންޓު މައްސަލަ ހައްލުކޮށްފި

ފުވައްމުލަކުގެ ކަރަންޓަށް މިއަދު މެނދުރުފަހު ދިމާވި މައްސަލަ އެއްކޮށް ހައްލުކޮށް މުޅި ސިޓީއަށް ކަރަންޓު ދީފައިވާ ކަމަށް ފެނަކަ ކޯޕަރޭޝަނުން ހާމަކޮށްފިއެވެ.

އެ ސިޓީއިން ކަރަންޓު ދިޔައީ، މިއަދު އެ ރަށަށް ކަރަންޓު ދިނުމުގައި ބޭނުން ކުރާ ޓްރާންސްފޯމަރެއް ހަލާކުވުމުގެ ސަބަބުންނެވެ. އެގޮތުން ހަލާކުވި 500ކވއ ޓްރާންސްފޯމަރ އަށް މައްސަލަ ދިމާވެ މުޅި ސިޓީން ކަރަންޓު ދިޔައީ، މެނދުރުފަހު 15:35 ގައެވެ. މިމައްސަލަ ދިމާވުމުން މިއަދު ހަވީރު 17:30 އެހައްކަށް ހާއިރު ޓްރާންސްފޯމަރު ހުރި ސަރަހައްދު ނުން ހުރިހާ ސަރަހައްދަށް ވަނީ ކަރަންޓު ދީފައި ކަމަށް ފެނަކައިން ބުނެއެވެ.

މިމައްސަލަ ހައްލު ކުރުމަށް ހަލާކުވި ޓްރާންސްފޯމަރުގެ ބަދަލުގައި 1000ކވއ ޓްރާންސްފޯމަރެއް ވަނީ އިންސްޓޯލްކޮށްފައެވެ. މިމަސައްކަތް ނިންމައި މުޅި ސިޓީއަށް ކަރަންޓު ދީފައިވަނީ، މިރޭ 22:05 ގައެވެ.

ފުވައްމުލަކަށް ކަރަންޓު ދެމުން ދިޔަ ޓްރާންސްފޯމަރެއް މިއަދު ހާލާކުވެގެެން އަޕްގްރޭޑްކޮށްފައިވާއިރު، އެ ރަށަށް ކަރަންޓު ދޭ 800 ކިލޯ ވޯޓުގެ ޖެނެރޭޓަރެއް ހަލާކުވެ ލޯޑު ނުހިފެހެއްޓޭ މައްސަލަ ވަނީ ދިމާވެފައެވެ. އަދި މި ހާލަތުގައި ޖެނެރޭޓަރު ހިނގާތާ 30،000 ގަޑިއިރަށް ވުރެ ގިނަ ވެފައިވާ ކަމަށް ފެނަކައިން ބުނެއެވެ.

އޭގެ ބަދަލުގައި އެންމެ އަވަހަށް ޖެނެރޭޓަރު ހޯދާ ރައްތަކުގެ ތެރޭގައި ފުވައްމުލައް ހިމަނާފައިވާއިރު މިހާރު އެ ރަށަށް 1.2 މެގަވޯޓުގެ ޖެނެރޭޓަރެއް ގެނައުމަށް ފެނަކައިން ދަނީ މަސައްކަތް ކުރަމުންނެވެ.