Last Updated: May 1, 20:45
Wednesday, May 1, 2024
ކުޅިވަރު

ފައިނަލްގައި ލިވަޕޫލާއި ޗެލްސީގެ ކުރިމަތިލުމެއް

އިނގިރޭސި ލީގު ކަޕްގެ ސެމީފައިނަލްގެ ދެވަނަ ލެގުގައި ރޭ ފުލަމްއާ 1-1 އިން އެއްވަރުކޮށް މުބާރާތުގެ ފައިނަލަށް ލިވަޕޫލް ދަތުރުކޮށްފި އެވެ.

މި ދެ ޓީމު ފުލަމްގެ ދަނޑުގައި ބައްދަލުކުރި ފުރަތަމަ ލެގުގެ މެޗު 2-1 އިން ކާމިޔާބު ކުރީ ލިވަޕޫލުންނެވެ. ލިވަޕޫލް ފައިނަލަށް ދަތުރުކުރީ 3-2 ގެ އެގްރިގޭޓް ނަތީޖާއަކުންނެވެ. މިއީ ލިވަޕޫލް މި މުބާރާތުގެ ފައިނަލަށް ދަތުރުކުރި 14 ވަނަ ފަހަރެވެ.

ލީގު ކަޕްގެ ފައިނަލްގައި ލިވަޕޫލް ބައްދަލުކުރާނީ ޗެލްސީއާ އެވެ. ޗެލްސީ ފައިނަލަށް ދަތުރުކުރީ ސެމީފައިނަލްގައި މިޑިލްސްބަރާ ބަލިކުރުމަށްފަހު އެވެ.

ފުލަމްގެ ދަނޑުގައި ރޭ ކުޅުނު މެޗުގެ 11 ވަނަ މިނެޓްގައި ލުއިސް ޑިއާޒް ވަނީ ލިވަޕޫލަށް ލީޑު ނަގައިދީފަ އެވެ. ފުރަތަމަ ހާފުގައި ގޯލް ޖަހާނެ އިތުރު ފުރުސަތުތަކެއް ވެސް ލިވަޕޫލަށް ލިބުނުއިރު ފުލަމް އަށް ނަތީޖާ އެއްވަރުކޮށްދިނީ މެޗުގެ 76 ވަނަ މިނެޓްގައި އިސާ ޑިއޮޕް އެވެ. މެޗުގެ ފަހު 10 މިނެޓްތެރޭ އިތުރު ގޯލެއް ކާމިޔާބު ކުރަން ފުލަމް އިން މަސައްކަތް ކުރި ނަމަވެސް އެކަން އެޓީމަށް ކާމިޔާބުވާ ގޮތް ވަނީ ނުވެފަ އެވެ.

މުބާރާތުގެ ފައިނަލް އޮންނާނީ އަންނަ މަހުގެ 25 ގަ އެވެ.