Last Updated: May 1, 20:45
Wednesday, May 1, 2024
ޚަބަރު

އައްޑޫގައި ވޮލީ ރެފްރީން ތަމްރީނު ކުރަނީ

އައްޑޫގައި ބޭއްވި ވޮލީ މުބާރާތެއްގެ މެޗެއްގެ ތެރެއިން.

ވޮލީ ރެފްރީން ތަމްރީނު ކުރުމުގެ ޕްރޮގްރާމެއް އައްޑޫގައި ބާއްވަން ނިންމާފައިވާތީ އޭގައި ބައިވެރިވާން ހުޅުވާލައިފި އެވެ.

މި ޕްރޮގްރާމަކީ ސްޕޯޓްސް މިނިސްޓްރީ އާއި ފޭދޫ އަވަށު އޮފީހާއި ފިޓްނެެސް އެންޑް ރެކްކްރިއޭޝަންގެ އިތުރުން އައްޑޫ ވޮލީ ރެފްރީން ގުޅިގެން ހިންގުމަށް ހަމަޖެހިފައިވާ ޕްރޮގްރާމެކެވެ. މުޅި އައްޑު އަށް ހުޅުވާލައިގެން ބާއްވާ ރެފްރީން ތަމްރީނުކުރާ ޕްރޮގްރާމުން ފުރުސަތު ދޭން ހަމަޖެހިފައި ވަނީ 30 މީހަކަށެވެ.

އެހެންވެ އެންމެ ފުރަތަމަ ނަން ނޯޓްކުރާ މީހުންނަށް އިސްކަން ދޭނެ ކަމަށް ފޭދޫ އަވަށު އޮފީހުން ބުންޏެވެ. އެގޮތުން ބައިވެރިވާ ޝައުގުވެރިވާ 16 އަހަރުން މަތީގެ މީހުންނަށް އަންނަ އެޕްރީލް މަހުގެ 16 އާ ހަމައަށް އަވަށު އޮފީހުގައި ނަން ނޯޓްކުރެވޭނެ އެވެ. ފޭދޫ އަވަށު އޮފީހުގެ ނަމްބަރަކީ 6892018 އެވެ.

އައްޑޫގައި ވޮލީ ރެފްރީން ތަމްރީނު ކުރުމުގެ ޕްރޮގްރާމެއް ފަށަން ނިންމީ ވޮލީ ރެފްރީންގެ ދަތިކަން ކުރިމަތިވެފައި އޮންނަތާ ވަރަށް ގިނަ ދުވަސްތަކެއް ފަހުންނެވެ. އައްޑޫގައި ބާއްވާ ވޮލީ މުބާރާތްތަކަށް ރެފްރީން ހޯދުން ދަތިވެ، ސިޓީން ބޭރުން އާންމުކޮށް ރެފްރީން ގެންނަން ވެސް ޖެހެ އެވެ.