ސިހުރާއި ހާހޫރައިގެ ސަބަބުން ބައެއްގެ ދިރިއުޅުމަށް ކުރިމަތިވާ ހާޖާނުގަނޑެއް ދައްކުވައި ދޭނެ އަޖޭ ދޭވްގަންގެ ސުޕަނެޗްރަލް ތުރިލާ "ޝައިތާން" ގެ ޓީޒާއެއް މިއަދު އާންމުކޮށްފި އެވެ.
ވަރަށް ޝައުގުވެރިވާނެ ކަމަށް ބެލެވޭ މި ފިލްމަކީ ބެލުންތެރިންގެ ވަރަށް ބޮޑު މަގުބޫލު ކަމެއް ހޯދި 2014 "ކްއީން" ގެނެސްދިން ވިކާސް ބާލް ޑައިރެކްޓްކޮށްފައިވާ އެއްޗެކެވެ. އޭނަގެ އެންމެ ފަހުގެ ފިލްމަކީ ޓައިގާ ޝްރޮފްގެ މިދިޔަ އަހަރުގެ "ގަނަޕަތު" އެވެ.
އަންނަ މާޗް 8 ގައި ސިނަމާތަކަށް ގެންނަން ނިންމާފައިވާ "ޝައިތާން" އަކީ އަޖޭގެ ދެވަނަ ސުޕަނެޗްރަލް ފިލްމެވެ. ރޯހިތު ޝެޓީގެ "ގޯލްމާލް" ފްރެންޗައިޒްގެ ތެރެއިން 2017 ގައި ގެނެސްދިން "ގޯލްމާލް އެގެއިން" އަކީ ރޫހާނީ ބާރުގެ ސަބަބުން ދިމާވާ ހެއްވާ މަޖާ ކަންތައްތަކެއް ދައްކުވައި ދިން ސުޕަނެޗްރަލް ކޮމެޑީއެކެވެ. އެކަމަކު އެއާ ހިލާފަށް "ޝައިތާން" އަކީ ވަރަށް ސީރިއަސް ފިލްމެކެވެ.
މީގެ ކާސްޓްގައި އާރް މާދްވަނާއި ޖޯތިކާ ވެސް ހިމެނެ އެވެ.
ރިޕޯޓްތައް ބުނާ ގޮތުން "ޝައިތާން" އަކީ މިދިޔަ އަހަރު ރިލީޒްކުރި ގުޖްރާތީ ފިލްމު "ވަޝް" އަސްލަކަށް ބަލައިގެން ހަދާފައިވާ އެއްޗެކެވެ.