މީގެ ހަތަރު އަހަރު ކުރިން ޖަޕާންގެ އެނިމޭޝަން ސްޓޫޑިއޯއެއްގައި އަލިފާން ރޯކުރުމުން 36 މީހަކު މަރުވި މައްސަލާގައި ދައުވާ އުފުލި، މީހާ އަށް މިއަދު މަރުގެ ހުކުމް އިއްވައިފި އެވެ.
ކިއޯޓޯގައި ހިންގަމުން އައި ސްޓޫޑިއޯގައި ޖުލައި 18، 2019 ގައި ރޯކުރި ހާދިސާއާ ގުޅިގެން ކިއޯޓޯ ޑިސްޓްރިކް ކޯޓުން މަރުގެ ހުކުމް އިއްވީ ޝިންޖީ އައޯބާ، 45، ގެ މައްޗަށެވެ. އޭނަ މައްޗަށް އުފުލީ ގަސްތުގައި އަލިފާން ރޯކޮށް އެތައް ބައެއްގެ ފުރާނަ ނުރައްކަލަށް ހުށަހެޅުމުގެ ދައުވާ އެވެ. އަލިފާނުގެ ހާދިސާގައި ސްޓޫޑިއޯގެ ޒުވާން 36 މުވައްޒަފަކު މަރުވުމުގެ އިތުރަށް އިތުރު ގިނަ މުވައްޒަފުންތަކެއް ޒަހަމް ވެސް ވި އެވެ.
ސްޓޫޑިއޯގައި ރޯވި ހާދިސާގައި ޝިންޖީގެ ހަށިގަނޑުގެ 90 ޕަސެންޓް ވެސް ފިހުނެވެ. އަލިފާނުގެ ހާދިސާއާ ގުޅިގެން އޭނަ އެޑްމިޓްކޮށް 10 މަސް ވަންދެން ހޮސްޕިޓަލްގައި ފަރުވާ ދިނެވެ. އަދި ޝިންޖީ ހައްޔަރުކުރީ 2020 ގެ މެއި މަހު އެވެ.

އޭނަގެ މައްޗަށް މަރުގެ ހުކުމް އިއްވި އިރު، އޭނަ އަކީ ނަފުސާނީ މައްސަލަތަކެއް ހުރި މީހެއް ކަމަށް ވިދާޅުވެ ލުއި ހުކުމެއް އިއްވައި ދެއްވުމަށް ދިފާއީ ވަކީލު އެދިވަޑައިގަތެވެ. ނަމަވެސް ހުކުމް އިއްވި ފަނޑިޔާރު ވަނީ އެ ހުށަހެޅުން ގަބޫލު ނުކުރައްވައިފަ އެވެ.
މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ކިއޯޓޯގެ އެނިމެޝަން ސްޓޫޑިއޯގައި ރޯވެ، އެތައް ބަޔަކު މަރުވި ހާދިސާ އަކީ މި ފަހުގެ ތާރީހެއްގައި ޖަޕާންގައި ހިނގި އެންމެ ނުރައްކާތެރި އަލިފާނުގެ ހާދިސާ އެވެ.