ނ. މަނަދޫގައި އަނިޔާވެރި ގޮތަކަށް މަރާލާފައި އޮއްވައި ފެނުނު، އެރަށު އަންނާރުމާގޭ ނައީމާ މޫސާގެ މަރުގެ މައްސަލައިގައި ދައުވާއުފުލި މީހުންގެ ޝަރީއަތް މިއަދު ފެށުމަށް ތާވަލު ކުރުމަށްފަހު ކެންސަލް ކޮށްފިއެވެ.
7 އޭޕްރިލް 2023 ދުވަހު، އަނިޔާވެރި ގޮތަކަށް މަރާލާފައި އޮއްވާ ފެނުނު، ނައީމާ މޫސާގެ މަރުގެ މައްސަލައި ދައުވާ ކޮށްފައިވަނީ ފެހިވިލާގެ، ނ. މަނަދޫ، އަހުޒަމް އަބްދުލްޝަކޫރު، ވިނަރެސް، ނ. މަނަދޫ، ހުސައިން ފަވާޒު، އަދި ފިނިފެންމާގެ، ނ. މަނަދޫ، އަބްދުލްވާހިދު ރިފާސްއަށެވެ.
މި މީހުންގެ މައްޗަށް ކުރަނީ ތޫނު އެއްޗެއް ބޭނުން ކޮށްގެން ގަސްތުގައި މީހަކު މެރުމާއި، އަދުލު އިންސާފު ގާއިމު ކުރުމަށް ހުރަސް އެޅުމާއި، މައްޔިތާގެ ބޭނުން ނަހަމަގޮތުގައި ހިފުމުގެ ކުށުގެ ދައުވާއެވެ.
ކްރިމިނަލް ކޯޓުގައި މިއަދު ޝަރީއަތް ފެށުމަށް ހަމަޖެހިފައިއޮތީ މީގެތެރެއިން އަބްދުލްވާހިދު ރިފާސް އަދި ހުސައިން ފަވާޒުގެ މައްޗަށެވެ. އެހެންނަމަވެސް އެ އަޑުއެހުންތައް ކެންސަލް ކޮށްފައިވަނީ ކަރެކްޝަންސްއިން ގައިދީން އުފުލުމަށް ބޭނުންކުރާ ލޯންޗު ހަލާކުވެ މާލެ ނުގެނެވޭތީއެވެ.
މި މައްސަލައިގެ ތަހުގީގުގެ ތެރެއިން ފުލުހުން ވަނީ ނައީމާ މަރާލުމަށް ބޭނުންކުރި ކަމަށް ބެލެވޭ ތޫނު 2 ހަތިޔާރު އަދިި ހަމަލާދިން ވަގުތު އެކަމުގައި ބައިވެރިވި މީހުން ލައިގެން ތިބި އަންނައުނު، ވަޅުގަނޑެއް ކޮނެ އެތަކެތި އަޅާ، އަންދާލުމަށްފަހު ފަސްއަޅާ ފޮރުވާފައިވާތަން ކޮނެ އެތަކެތި ނަގާފައެވެ.