Last Updated: July 22, 18:06
Thursday, July 23, 2026
މުނިފޫހިފިލުވުން

ރަންބީރްގެ އަގު މައްޗަށް

ބޮލީވުޑްގެ މަޝްހޫރު ތަރި، ރަންބީރް ކަޕޫރް ފިލްމު ކުޅޭ ކުޅޭ އަގުބޮޑުކޮށްފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ފިލްމީ ޚަބަރުތައް ގެނެސްދޭ މީޑިއާތަކުން ބުނީ މިދިޔަ ޑިސެމްބަރުގައި ރިލީޒްކުރި އޭނަގެ "އެނިމަލް"ގެ ބޮޑު ކާމިޔާބީއާ ގުޅިގެން 40 އަހަރުގެ އެކްޓަރުގެ އަގު ބޮޑުކުރީ ކަމަށެވެ. މިހާތަނަށް ރަންބީރް މި ފިލްމަކަށް އެވްރެޖްކޮށް ނަގަމުން އައީ 30 ކްރޯޑް ރުޕީސް (4 މިލިއަން ޑޮލަރު) ނަމަވެސް އަގު މިހާރު ދެގުނަ ބޮޑުކޮށްފައިވާ ކަމަށް މީޑިއާތަކުން ބުންޏެވެ.

އެގޮތުން ދެން އޭނަ ފިލްމެއް ކުޅެދޭން ނިންމާފައި ވަނީ މަދުވެގެން 65 ކްރޯޑް ރުޕީސް (8 މިލިއަން ޑޮލަރު) އަށް ކަމަށް މީޑިއާތަކުން ބުންޏެވެ. ނަމަވެސް އިއްޔެ އިއުލާންކުރި ޑައިރެކްޓަރު ސަންޖޭ ލީލާ ބަންސާލީގެ އާ ފިލްމު "ލަވް އެންޑް ވޯ" ރަންބީރް ކުޅެދޭން ނިންމާފައި ވަނީ ޑިސްކައުންޓް އަގެއްގައި ކަމަށް ބައެއް ނޫސްތަކުން ބުނެފައިވެ އެވެ.

ބަންސާލީ އަކީ ރަންބީރް ބޮލީވުޑަށް ނެރުނު ޑައިރެކްޓަރު ވެސް މެ އެވެ. އެއީ 2007 ގެ "ސާވަރިއާ" އިންނެވެ. "ލަވް އެންޑް ވޯ" އަކީ އޭގެ ފަހުން އެ ދެ މީހުން އެކީގައި މަސައްކަތްކުރާ ދެވަނަ ފިލްމެވެ. އަންނަ އަހަރުގެ ޑިސެމްބަރުގައި ގެނެސްދޭން ހަމަޖެހިފައިވާ އެ ފިލްމުގެ ކާސްޓްގައި ރަންބީރްގެ އަންހެނުން އާލިއާ ބަޓްގެ އިތުރުން ވިކީ ކޯޝަލް ވެސް ހިމެނެ އެވެ.

ފިލްމުތަކުގެ ކާމިޔާބީއާ ވިއްދައިގެން ބޮލީވުޑްގެ ތަރިން ފިލްމު ކުޅޭ އަގު ބޮޑުކުރުމަކީ ވަރަށް އާންމު ކަމެކެވެ. އެކަމަކު އެއްވެސް ތަރި އަކީ އެ މީހުންގެ އަގު އާންމުކުރާ ބައެއް ނޫނެވެ. ފާހަގަކޮށްލެވޭ ކަމަކީ ބޮލީވުޑްގައި ބަތަލާއިންނާ އަޅާބަލާ އިރު، ބަތަލުންނަށް ދެގުނަށް ވުރެ ވެސް ބޮޑު އުޖޫރައެއް ލިބޭ ކަމެވެ.